ބޮލީވުޑް

"ކަހާ ހަމް ކަހާ ތުމް" އަކީ މާދުރީގެ ދެމަފިރިންގެ ވާހަކަ!

ސްޓާ ޕްލަސް އިން މިހާރު ދައްކަމުންދާ ސިލްސިލާ "ކަހާ ހަމް ކަހާ ތުމް" އަކީ ބޮލީވުޑް ބަތަލާ މާދުރީ ޑިކްޝިޓް އާއި ފިރިމީހާ ޑރ. ސްރީރާމް ނޭނޭގެ ލޯބީގެ ވާހަކައިގެ މައްޗަށް ކުޅެފައިވާ ސިލްސިލާއެއް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ދީޕިކާ ކައްކަރް އާއި ކަރަން ވީ ގްރޯވަރް ލީޑް ރޯލު ކުޅޭ މި ސިލްސިލާގައި ދީޕިކާއަކީ މަޝްހޫރު ފިލްމީ ތަރިއެކެވެ. އަދި ކަރަން އަކީ އޮޕަރޭޝަން ޑޮކްޓަރެކެވެ. ގައިމުވެސް މި ދެ ތަރިންގެ ރޯލާއި މާދުރީ އާއި އޭނާގެ ފިރިމީހާގެ ހަގީގީ ޕްރޮފެޝަން އާ މުޅިން އެއްގޮތެވެ.

މި ސިލްސިލާގައި މަސައްކަތްކުރާ މީހަކު ބުނި ގޮތުގައި މި ޑްރާމާ ބިނާ ކޮށްފައިވަނީ މާދުރީ އާއި ޑރ. ނޭނޭ ރައްޓެހިވެގެން ކައިވެނި ކުރުމާ ދެމެދު ހޭދަވި އަހަރުތަކުގެ މައްޗަށް ކަމަށެވެ.

ޑްރާމާގެ ވާހަކަ އާއި މާދުރީގެ ދިރިއުޅުމާ ދާދި އެއްގޮތެވެ. ޑރ. ނޭނޭ އާއި ރައްޓެހިވެގެން ހޭދަކުރި ދުވަސްތަކުގައި މާދުރީ އުޅުނީ ފިލްމީ މަސައްކަތުގައި ވަރަށް އަވަދިނެތި އެވެ. ޑރ. ނޭނޭ އުޅުނީ ބަލި މީހުންނަށް ފަރުވާ ކުރުމުގައި ހަމަ އެހާ ބިޒީކޮށެވެ. އެހެންކަމުން ދެ މީހުން އެކަކު އަނެކަކަށް ވަގުތު ދިނުމަށް ދަތިވެ ވަރަށް ތަފާތު ގިނަ މައްސަލަތައް ދިމާވި ކަމަށް ވެއެވެ. އަދި މި މައްސަލަތައް ހައްލު ކުރަން ދެ މީހުންނަށް ވެސް ވަރަށް ގިނަގުނަ މަސައްކަތް ކުރަން ޖެހުނެވެ.

އެންމެ ފަހުން ކައިވެންޏަށްފަހު މާދުރީ އޭނާގެ އެކްޓިން ކެރިއަރަށް އަލްވަދާއު ކިޔާ ޑރ. ނޭނޭ އާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި އެވެ. ނަމަވެސް އެތައް އަހަރެން ފަހުން މާދުރީ އެނބުރި އިންޑިއާ އަށް އައިސް އަލުން ފިލްމު ކުޅެން ޝައުގުވެރިވުމުން ޑރ. ނޭނޭ އޭނާ އެމެރިކާގައި އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލާފައި މާދުރީއާއެކު އިންޑިއާއަށް ބަދަލުވި އެވެ.

"ކަހާ ހަމް ކަހާ ތުމް" ގައި ވެސް ވަނީ ހަމަ މިކަހަލަ ގޮތެކެވެ. ވަރަށް ކާމިޔާބު ނަމަވެސް ވަރަށް ތަފާތު ދެ ޕްރޮފެޝަނެއްގައި މަސައްކަތްކުރާ ދެ ލޯބިވެރިންނަށް ދިމާވާ މައްސަލަތަކާއި އެކަންތައްތައް ހައްލުކުރާ ގޮތް މި ޑްރާމާއިން ވެސް ފެނެ އެވެ.

މި ޑްރާމާއަކީ މާދުރީ އާއި ޑރ. ނޭނޭގެ ވާހަކަކަން ޔަގީން ނުވިޔަސް އެ ދެ މީހުންގެ ހަގީގީ ދިރިއުޅުމާ ޑްރާމާއާ ވަރަށް އެގޮތްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.