ވިޔަފާރި

އިންޑިޔާގައި ބޭއްވި ބްރައިޑަލް ފެއާގައި ރާއްޖޭން ބައިވެރި ވެއްޖެ

Aug 4, 2015

ހަނީމޫން މާކެޓަށް ހާއްސަކޮށްގެން އިންޑިޔާގައި ބޭއްވި "ވިވަހާ ބްރައިޑަލް ފެއާގައި" ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ މަހުގެ 31 އިން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ފެއާއަކީ ކައިވެނީގެ ރަސްމިއްޔާތުތައް ރާވާ ހިންގާ ފަރާތްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފެއާ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ ރާއްޖެއަށް އަންނަ އިންޑިޔާ ޓޫރިސްޓުންނަށް ރާއްޖެ ޕްރޮމޯޓް ކޮށްދިނުން ކަމަށެވެ.

އިންޑިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.