އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުންނާ ދެކޮޅަށް ހެއްކެއް ނެތް ކަމަށާއި އެހެން ކަމުން އެ މީހުން ހައްޔަރު ކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ފުލުހުން ބުނުމުން، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފުލުހުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ރޭގެ ވަގުތެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އެދިވަޑައިގެންފަ އެވެ.
އެއާއެކު ފުލުހުން ވަނީ ބަންޑާރަ ނައިބުގެ ސިޓީގައި އަންގަވާފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ. ބަންޑާރަ ނައިބުގެ ސިޓީގައި މައިގަނޑު ހަތަރު ކަމެއް ފާހަގަ ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދުމާއި، ތަހުގީގު ރިޕޯޓްގެ މައްޗަށް ބިނާކޮށް އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ކުުރުމާއި، ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ފުލުހުން މިހާރު އަދާ ކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން މުޅިން އެކަހެެރި ކުުރުމެވެ.
އަދި ކޮމިޝަނުން ކޮށްފައިވާ ތަހުގީގުގައި ރިލްވާންގެ ޕާސްޕޯޓާއި ގުޅޭ ގޮތުން މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއް ރައޫފާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މަޝްވަރާތަކެއް ކުރައްވާފައި ވާކަން ފާހަގަ ކޮށްފައިވާތީ އެކަން ތަހުގީގު ކުުރުން ވެސް ހިމަނާފައި ވެއެވެ.
ނަމަވެސް ފުލުހުން ރޭ ބުނީ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
މިކަމާއި ގުޅިގެން ޝަމީމް ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ރިޕޯޓުން އެ ދެ ފުލުހުންވެސް ކުށެއްކުރަން އުޅުނުކަން ހާމަވާކަމަށެވެ. އެހެން ކަމުން އެ ދެ ފުލުހުން ހައްޔަރު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 80 ވަނަ ބާބާއި، 310 ވަނަ ބާބުގެ ދަށުން އެދެ މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އެއީ ކުށެއް ކުރަން އުޅުނު ކަމުގެ ކުށާއި، ސައްހަ ލިޔުމަކަށް ބަދަލު ގެނެސް ނަކަލު ކުރުމުގެ ކުށާ، މަކަރުވެރި އަމަލު ހިންގުމުގެ ކުށުގައިކަމަށް ޝަމީމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަމީމް ވަނީ ބަންޑާރަނާއިބު، ކަމެއްގައި ލަފައެއް ނުވަތަ އަމުރެއް ކުރެއްވުމުން އެކަމާއިމެދު ކޮމިޝަނަރު އޮފް ޕޮލިސްއަށް ސުވާލު ނުއުފެއްދޭނެ ކަމަށެވެ. ޝަމީމް ވިދާޅުވީ އެއްވެސް މައްސަލައެއްގައި ބަލަންވާ ވަރަށް ނުބަލާ އަދި އެކަށީގެންވާ ދިރާސާއެއް ނެތި ބަންޑާރަ ނައިބު ލަފައެއް ނުދެއްވާނެ ކަމަށެވެ. ބަންޑާރަ ނައިބު ކަމުގައި މިހާރު ހުންނެވީ ޝަމީމާއެކު އެންމެ ގިނަ ދުވަހު އެކުގައި .މަސައްކަތް ކުރެއްވި އެކުވެރިޔާ އެވެ.
ދެ ފުލުހުން ވަކި ކުރާނެ ތަނެއް ނެތް ކަމަށް ބުނެފައިވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ އެ ދެ ފުލުހުން ކުރިން ވަކޮށްފައި ވަނިކޮށް އެ މީހުނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރު އައުމަށްފަހު ކަމަށެވެ. ނަމަވެސް ފުލުހުން އެކަން ވަނީ ދޮގު ކޮށްފަ އެވެ.