އެމްއޭސީއެލް

ފިއުލް ފާމުގެ ބާކީ ބޮޑެތި މަސައްކަތްތައް ފަށައިފި

Sep 8, 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ފިއުލް ފާމުގެ ތާނގީތައް ނިމި، ބާކީ ހުރި ބޮޑެތި މަސައްކަތްތައް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި ފިއުލް ޖެޓީ ހަދަން ފެށުމުގެ ގޮތުން ވޯކިން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ފަށައި ފަޔާ ފައިޓިން ޕްލެޓްފޯމުގެ ޕައިލިން މަަސައްކަތް ހިނގައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން ފިއުލް ފާމް އޮފީހުގެ މަސައްކަތާއި މެއިންޓެނަންސް ވޯކްޝޮޕުގެ މަސައްކަތުގެ ބިންގާ އަޅައި ފައިވާ ކަމަށް ވެސް އެ ކުންފުން ބުންޏެވެ.

ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަސައްކަތުގައި ހިމެނޭ އެންމެ މުހިންމު ބައި ކަމަށްވާ ފިއުލް ފާމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު އެވެ. އަދި މި މަސައްކަތުގައި ހިމެނޭ އެންމެ މުހިންމު ބައި ކަމަށްވާ ތެޔޮ ރައްކާކުރާ ތާނގީތަކުގެ މަސައްކަތް މި އަހަރުގެ އޯގަސްޓް މަހު ވަނީ ނިންމާ އެވެ.

މި މަސައްކަތް ކުރަނީ ވީއައިއޭގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. މިއީ 373 މިލިއަން ޑޮލަރުގެ މަޝްރޫ އެކެވެ.

މަޝްރޫއުގެ ދަށުން ހަދާ ފިއުލް ފާމްގެ ފުރަތަމަ ބައިގައި ތިން ތާނގީ ހުރެ އެވެ. މި ފާމް ތައްޔާރު ކުރަނީ ތެޔޮ ތާނގީތައް އިތުރު ވެސް ކުރެވޭ ގޮތަށެވެ. މި ފާމްގައި ބަނދެ ބަހައްޓާ ކޮންމެ ތާނގީއެއްގައި 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. މިހާރު މުޅި އެއާޕޯޓުގައި ހުންނަނީ 15،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރުމުގެ ގާބިލް ކަމެވެ.

އާ މި ތާނގީތަކުގެ އުސް މިނުގައި 44 ފޫޓު ހުރެ އެވެ. އަދި އެތެރޭގެ ވަށަމިނުގައި 121.391 ފޫޓު ހުރެ އެވެ. މި ތާނގީތައް ނިމުމުން މުޅި އެއާޕޯޓުގައި ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން 45،000 މެޓްރިކް ޓަނަށް އިތުރު ވެގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން މަތިންދާ ބޯޓަށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި އެއާޕޯޓުގެ ބިމު އަޑީގައި 8.4 ކިލޯ މީޓަރުގެ "ފިއުލް ހައިޑްރެންޓް" ހޮޅި އަޅާފައިވެ އެވެ. މި ސިސްޓަމުން ހިދުމަތް ފެށުމުން ތެޔޮ ލޮރީގައި ބޯޓަށް ތެޔޮ އެޅުން ނިމުމަކަށް އަންނާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މިތަނުގެ އިތުރުން ކާގޯ ރައްކާކުރާ ފެސިލިޓީގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.