ރިލްވާން ރިޕޯޓް

ރިލްވާންގެ މައްސަލަ: މަރު ކޮމިޝަން މިއަދު 241 ކޮމިޓީއަށް ހާޒިރު ކުރަނީ

ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލި މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެ ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ހާޒިރު ކުރަން އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ގެއްލުވާލި މީހުންނާއި މަރާލި މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މެންބަރުން 241 ކޮމިޓީއަށް ހާޒިރު ކުރުން އެޖެންޑާ ކޮށްފައި ވަނީ މިއަދު މެންދުރުފަހު 14:00 ގަ އެވެ. އެންމެ ފުރަތަމަ މިއަދު ހެނދުނު 10:00 ގައި ކޮމިޝަންގެ މެންބަރުން ހާޒިރު ކުރާ ގޮތަށް އޮތް ނަމަވެސް އެ ކޮމިޓީ ވަނީ މެންދުރުފަހަށް ފަސްކޮށްފަ އެވެ.

ރިލްވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓާ ގުޅިގެން ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

ރިލްވާނު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފަ އެވެ.

ނަމަވެސް ފަހުން ފުލުހުން ބުނީ އެ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

އެ ކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީރު ރޭ ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން ރިލްވާންގެ މައްސަލަ ތަހުގީގު ފުރިހަމަ ބާރާއި އިހުތިޔާރު ލިބިގެން ވަނީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށެވެ.

ރިލްވާން މައްސަލައިގެ ތަހުގީގު ހިންގީ އެ ކޮމިޝަނުން ކަމަށާއި އެ ތަހުގީގަކީ ފުލުހުން ހިންގާފައިވާ ތަހުގީގަކަށް ނުވުމުން، އެ ތަހުގީގުގެ މައްޗަށް ބިނާކޮށް، ފުލުހުންނަށް ހައްޔަރު އަމުރު ހޯދަން އެދުމުގެ ބާރު އެ މައްސަލައިގައި ނެތް ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.