ހަބަރު

އދ. ގެ ފޯރަމްއަކަށް ޑރ. ހުސެން ޖެނީވާއަށް

Sep 8, 2019
2

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ. އިން ބާއްވާ ފޯރަމްއެއްގައި ބައިވެރިވެވަޑައިގަތުމަަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ސުވިޒަލަންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފި އެވެ.

އެންވާރަމަންޓް މިނިސްޓްރީ އިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރު ހުސެއިން ޖެނީވާއަށް ފުރާވަޑައިގަތީ "ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް" ގެ ބައްދަލުވުމުގައި ބައިރިވެވަޑައިގަތުމަށް ކަމަށާއި އެ ބައްދަލުވުމުން މާދަމާ އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ތަގުރީރު ކުރައްވާނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ވިޔަފާރި އާއި އިގްތިސާދާއި ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި ބައްދަލުވުމަކީ އދ ގެ ޖެނެރަލް އެސެމްބްލީ ގެ ހަވާސާގައި މި މަހުގެ 23 ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.