ހަބަރު

ދެ ފުލުހުން އަލުން ވަޒީފާއަށް ނެރުނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި

Sep 8, 2019
2

ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ސަސްޕެންޑުކޮށްފައި ވަނިކޮށް އަލުން ވަޒީފާއަށް ނެރެފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު 7 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ވިދާޅުވީ ރިލްވާން ސީރިޔާއަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށް މޯލްޑިވްސް އިމިގްރޭޝަން އިން ޕާސްޕޯޓެއް ހެއްދުމަށް މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތަކީ ކުރީ ސަރުކާރުން ވަޒީފާ އިން ވަކިކޮށްފައިވާ ދެ އޮފިސަރުން ކަމަށާއި ނަމަވެސް އެ ދެ ފުލުހުންނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ.

އެކަމަށް ރައްދު ދެއްވައި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ދެ ފުލުހުންގެ މައްސަލަ ޕްރޮފެޝިނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާތީ ވަޒީފާއާ މެދު ގޮތެއް ނިންމަން ދެން ޖުލައި 13، 2017 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ރަސްމީ މަސައްކަތުން ދުރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ނޮވެމްބަރު 7، 2018 ގައި އެ ދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ. -- އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އައި އިންތިގާލީ މަރުހަލާ އެވެ. އޭރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމްގައި ހުންނެވީ ސީޕީ ހަމްދޫން ރަޝީދު އެވެ. --

ފުލުހުން އިތުރަށް ބުނީ އިންޓެލިޖަންސް ދެ އޮފިސަރުންގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ.

ދެ ފުލުހުން ހައްޔަރު ކުރުމަށް އެޓާނީ ޖެނަރަލް އޮފީހުން ލަފާދީފައިވީ ނަމަވެސް ފުލުހުންގެ ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭ ވަރަށް ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް މަރުތައް ބަލާ ރިޔާސީ ކޮމިޝަންއަށް އެ ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދެވޭނެ ކަމަށެވެ.

ރިލްވާންގެ މައްސަލާގައި ވަރަށް ބޮޑަށް ނުފޫޒު ފޯރުވި ފުލުހުންގެ މައްސަލަތައް ކުރިޔަށް ނުދާތީ ސަރުކާރުގެ އިސްވެރިންގެ ފާޑު ކިޔުން ފުލުހުންގެ އިދާރާއަށް ވަނީ އަމާޒުވެފަ އެވެ.