ހަބަރު

ލައިފް ޖެކެޓު އެޅުން މި މަހު މަޖުބޫރު ކުރާނެ

ކަނޑު ދަތުރު ކުރާ އިރު ލައިފްޖެކެޓު އެޅުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަޖުބޫރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން، މިނިސްޓްރީން މިއަދު އިންތިޒާމު ކުރި "ސައިގަޑި" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ، ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ލައިފް ޖެކެޓް އެޅުން މަޖުބޫރުވާ ގޮތަށް ދެ ހަފުތާގެ ރޭގައި ގަވައިދު ހަދައި އާއްމު ކުރާނެ ކަމަށެވެ.

"ލައިފް ޖެކެޓު އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް. އަޅުގަނޑުމެންގެ ވިސްނުމަކީ ދަތުރު ކުރާއިރު ލައިފް ޖެކެޓު އަޅާނެ ގޮތެއް. އެއީ ލަައިފްޖެކެޓާއެކީ ދަތުރު ކުރަން ޖެހޭނީ، ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި. މިހާރު މަޝްވަރާތައް ކުރަމުންދާއިރު އުއްމީދު ކުރަނީ ދެ ހަފުތާ ތެރޭ ނޫނީ އެއަށްވުރެ އަވަސް ވެދާނެ ކަމަށް"

މިނިސްޓްރީން ބުނީ ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުވައި ކޯސްޓް ގާޑާއި މެރިން ޕޮލިސް އެކުގައި މި މަސައްކަތް ގަވައިދުން ބަލާނެ ކަމަށެވެ.

"އެކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނާނީ އަސްލު ކެޕްޓަނަށް. މިކަން މޮނިޓާ ކުރަމުން ގެންދާނީ މެރިން ޕޮލިސްއާ ކޯސްޓް ގާޑް ގުޅިގެން. ރޭންޑަމް ކޮށް ޗެކް ކުރާ ގޮތަށް ހަމަޖެހިފައި އޮތީ، ސީދާ 24 ގަޑިއިރު އަބަދު ޗެކެއް ނުކުރެވޭނެ ބްރިޖަށް އަރާ އިރު ބްރިޖް ކައިރި ޕޮލިހެއް ހުންނަހެން ޗެކެއް ނުކުރެވޭނެ މި ކަމެއް. އެހެން ނަމަވެސް ގަވައިދުން މޮނިޓާ ކުރާނެ،"

ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރާއިރު ފަރުދީ ޒިންމާ ވެސް މިކަމުގައި މުހިއްމު ކަން ފާހަގަ ކުރައްވާ އާދިލު ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުން ނަމަ މިފަދަ ގަވައިދު ތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.

އުޅަނދުތަކުގައި ފަސިންޖަރުން ލައިފް ޖެކެޓް އަޅުވަން މަޖުބޫރު ކުރާއިރު، މި މަހު ހދ. ނޮޅިވަރަންފަރުން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ދަތުރު ކުރި ލޯންޗުގައި ތިބި އެއްވެސް ފަސިންޖަރަކު ލައިފް ޖެކެޓް އަޅާފައެއް ނުވެ އެވެ. ފަަސް މީހެއްގެ ފުރާނަ ގެއްލުނު އެ ހާދިސާއަށް ފަހު ލައިފް ޖެކެޓްގެ މުހިއްމު ކަމުގެ އަޑު ގަދަވި އެވެ.