އެމެރިކާ

އެމެރިކާއިން ހޯދާ އިރާންގެ ތެޔޮ ޓޭންކަރު ސީރިއާގައި

ސީރިއާ އަށް ތެޔޮ ގެންދަން އުޅުނު ކަމަށް ތުހުމަތުކޮށް ޔޫރަޕްގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި އިރާންގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "އެޑްރިއަން ޑާރިއާ 1" އޮތީ ސީރިއާގެ ތަރްތޫސްގެ ބަނދަރުގައި ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުން އިރާންގެ ޓޭންކަރު ހިފެހެއްޓުމުން، އިރާނުން ބުނީ ޓޭންކަރު ދަތުރު ކުރަމުން ދިޔައީ ސީރިއާށް ނޫން ކަމަށާއި، ދަތުރު ކުރީ އަރަބި އެހެން ގައުމަކަށް ކަމަށެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ޔޫރަޕްގެ ކަނޑުގެ ސަރަހައްދުން ސީރިއާށް ތެޔޮ ގެންދިޔުން މަނާވާނެ އެވެ.

ސީރިއާއަށް ތެޔޮ ގެންދަން އުޅުނު ޓޭންކަރެއް ހިފެހެއްޓި ކަމަށް އިނގިރޭސިވިލާތުން ބުނުމުން، އެމެރިކާއިން ވަނީ އެ ޓޭންކަރު ބްލެކްލިސްޓްކޮށް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ބޯލްޓަން ވަނީ އިރާންގެ ތެޔޮ ބޯޓު ތަރްތޫސްގެ ބަނދަރުގައި އޮތްކަމުގެ ސެޓްލައިޓް ފޮޓޯ އެއްވެސް އާންމުކޮށްފަ އެވެ. ފޮޓޯ އާންމު ކުރައްވާ ބޯލްޓަން ވިދާޅުވީ، އިރާނުން މަސައްކަތް ކުރަނީ، ސީރިއާގެ ރައްޔިތުންނަށް އެހީވުމުގެ ބަދަލުގައި ބައްޝާރުލް އަސަދުގެ ވެރިކަން ދަމަހައްޓަން ކަމަށެވެ. އަދި ވިދާޅުވީ، އިރާނުން ކަންކަމުގައި އޮޅުވާލައި ދޮގު ހެނދުން ހުއްޓާނުލާހާ ހިދަކު އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަށް އުވާނުލާނެ ކަމަށެވެ.

އެމެރިކާއިން ޓޭންކަރު ހޯދުމުގެ މަސައްކަތް ކުރި ދުވަސްވަރު ވަނީ، އިރާންގެ ޓޭންކަރު އެމެރިކާގެ ބާރު ހިނގާ ސަރަހައްދަކަށް ގެންގޮސްދިން މީހަކަށް 15 މިލިއަން ޑޮލަރު ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.