ފައިކުރި ފުޅާ ފަޓްލޫނާއި ނޫ ވަދު ޖެހި ކަޅު ކުލައިގެ ބޯ ފައިވާނާއި ރެލީ ބައިސިކަލަކީ މިއަދުގެ ލޯބީގެ ވަށް ބުރަށް ހިތެއްގެ ސިފަ ގެނަޔަސް އެއަށް ފިޓްވާނެ އެއްޗެހިތަކެއް ނޫނެވެ. ފަހަރެއްގައި ދިވެހިންގެ މި ލޯބީގެ ވަށް ބުރުގައި އަދިވެސް މިލައި މޯޅިނުވެ އޮތް ހަމައެކަނި އެއްޗަކީ ފިނިފެންމަލެވެ.
ކޮންމެއަކަސް ޒަމާނީ ކުލަތަކުގެ ތެރެއަށް ފޭދިގެން ގޮސް މިއަދުގެ ދިވެހިންގެ އާންމުދިރިއުޅުމަށް ބޯކޮށްޕާލާއިރު ފެންނަނީ ސައިކަލެއްގައިދާ ލޯބީގެ ބުރެއް މާލެ ވަށައިގެން ޖަހާލާ ދެ ބައިވެރިންނާއި ސައިކަލުގައި އިންނަ ފިރިހެން މީހާގެ ގައިގައި އަށްޓަމަހެއްހެން ތައްވެގަނެގެން އޮންނަ އަންހެން ކުއްޖެކެވެ.
މާނަ އަކީ މީހަކަށް ހިތްކިޔައިފި ނަމަ ނުވަތަ މީހަކު ދެކެ ލޯބިވެވިގެން އެ މީހަކު "ސެޓްކުރުމަށް" ޖައްސާ އުކުޅުތަކުގެ ތެރެއަށް ސައިކަލެއް އިތުރުނުކޮށް މިހާރަކު މިކަން ކުރެވެން ނެތް ވާހަކަ އެވެ. އެންމެ ކުރިން ވެސް މިކަން އޮތީ ހަމަ މިހެންނެވެ. އޭރު ދޮވެ، ސާފުކޮށް، ފޮހެ އޮފުކުރީ ގެންގުޅުނު ރެލީ ބައިސިކަލެވެ.
މިއަދުގެ ޒުވާން ގިނަ ލޯބިވެރިންގެ ހާލަކީ ސައިކަލެއް ނެތް "ރިލޭޝަންޝިޕެއް" ކިތަންމެ ވަރަކަށް ދޮވެ ސާފުކުރިޔަސް އެ ރިލޭޝަންޝިޕެއް އޮފުނުވާ ކަމެވެ. ބައެއް މީހުންނަށް މީގެ އިހްސާސާއި މީގައި ވާނުވާއެއް ނޭނގިދާނެ އެވެ.
ނަމަވެސް އަތުގައި ސައިކަލެއް ނެތިގެން ބިޓެއް ސެޓުނުވެ ނުވަތަ ބިޓެއް ކަޓައިފައި ތިބި ބައެއް ޒުވާން ކުދިންގެ ވާހަކަ އަޑުއަހައިފި ނަމަ ފަހަރެއްގައި މި ލޯބީގެ ސިލްސިލާގެ ހަގީގަތް ގަބޫލުކުރެވިދާނެ އެވެ. އެކަން ބަލައިލުމަށް ވާހަކަ ދައްކާލަން ޖެހޭނީ 18 އަހަރާއި ވިހި ފަންސަވީހުގެ ޒުވާން ފިރިހެން ކުދިންނާ އެވެ.
"އަހަންނަށް ކުރެވުނު ތީގެ ތަޖުރިބާއެއް. އެކަމަކު މަގޭ ނަން ޖަހައިގެން ނުވާނެ. އޭރުން ދިރިއުޅެން އުނދަގޫވާނެ،" މިހާރު 22 އަހަރުވެފައިވާ ޒުވާން ފިރިހެން ކުއްޖަކު އޭނާ އަށް ދިމާވި ގޮތް ކިޔައިދޭން އެއްބަސްވީ މިހެންނެވެ.
"ވީގޮތަކީ ވަރަށް ސަޅި ބިޓެއް، ވަރަށް ކަމުދާ އަންހެން ކުއްޖެ ފެނިގެން އޭނާއާ ވާހަކަ ދައްކަން ފެށީ. ފުރަތަމަ ވަރަށް އޯކޭ. އެކަމަކު މީތި ގޯސްވި ހިސާބަކީ އޭނާ ގޮވައިގެން އަހަރެން ބޭރަށް ދާން ޖެހުނު ހިސާބުން،" ފިރިހެން ކުއްޖާ ކިޔައިދިނެވެ.
"މަ ދިޔައިން އޭނަ ބަލާ އޭނަގެ ގެ ކައިރިއަށް ވެސް. ބޭރަށް ދާން އެއްބަސްވެގެން. އެކަމަކު ވީގޮތަކީ އަހަރެން މި އުޅެނީ ފައިމަގުގައިކަން، ސައިކަލެއް ނެތްކަން އެނގުނު ހިސާބުން އަންހެން ކުއްޖާ ގެއަށް ވަދެ ފިލީ. އެއަށް ފަހު ފޯނަށް ގުޅައިގެން އޭނާ ޖަވާބެއް ނުދޭ"
"މިއީ ހަމަ ސީރިއަސް ވާހަކައެއް. އަދި މި ވާހަކައެއް ނުވެސް ނިމެޔޭ. ގާތްގަނޑަކަށް މަހެއްހާ ދުވަސްކޮށްލާފައި އަހަރެން ރައްޓެއްސެއްގެ ސައިކަލުގައި ގޮސް ޓްރެފިކް ލައިޓުގައި ޖެހިފައި ހުއްޓައި ކައިރިއަށް އައިސް މި މަޑުކޮށްލަނީ ޖީއެން ސައިކަލެއްގައި ތިބި ދެ މީހުން. ފަހަތުގައި އިނީ އެއް ކަހަލަ އަންހެން ގޮލާ"
އޮތް ވާހަކަ އިން ނުވަތަ އެ ޒުވާނާ ކިޔައިދިން "އަމިއްލަ ތަޖުރިބާއިން" ހާސިލުކުރަން ޖެހޭ ލޯބީގެ ފުރަތަމަ އިބުރަތަކީ ކޮންމެ ކޮންމެ މީހަކަށް ކޮންމެ ކޮންމެ އަންހެން ކުއްޖެއް ސެޓް ނުވެދާނެ ކަމެވެ. ބިޓެއް ސެޓްކުރަން ނުވަތަ ބިޓެއް އިމްޕްރެސްކުރަން ރެލީ ބައިސިކަލަކާއި އަވަށްޓެރިޔާގެ ގޯތިން ވަގަށް ބިނދެގެން ގެންދާ ފިނިފެންމަލާ އެއްވަރަށް ސައިކަލަކާއި ކޮފީބޮވޭ ވަރަށް ލާރި ވެސް އަތުގައި ހުރުން މުހިންމު ކަމެވެ.
ދެން ހާސިލުވާ އަނެއް އިބުރަތަކީ ސުޒުކީ ބްރޭންޑްގެ "ޖީއެން" އޭ ދިވެހިން މިކިޔާ ސައިކަލަކަށް އަރަން ބޭނުންވާ އަންހެން ކުދިން ނުވަތަ އޭގެ ސައިކަލެއްގައި ފިރިހެން ކުއްޖަކާ އެކު ބުރެއް ޖަހާލަން ބޭނުންވާ އަންހެން ކުދިން ވެސް މަދެއް ނޫން ކަމެވެ.
މިހެން ބުނީމަ ބައެއް އަންހެން ކުދިން މި އާޓިކަލްއަކަށް ތުންގަނޑު ދަމާލާފައި އައްޗީޑިއަކުން ނިންމާލަފާނެ އެވެ. އެކަމަކު އޭގެ ކުރިން، ތިރީގައި މި އަންނަ އަންހެން ކުއްޖާގެ ވާހަކަ ވާހަކަ އަޅެ ކިޔާލަ ބަލާށެވެ.
މިއީ 23 އަހަރުގެ އަންހެން ކުއްޖެކެވެ.
"އަހަންނަށް ވަރަށް ރީތި ފިރިހެން ކުދިން ޖީއެން ސައިކަލެއްގައި ދާއިރު. އެއީ ވަރަށް ސެކްސީ ސައިކަލެއް. އޭގައި އިންނަން އެހާ އަރާމުވާނެ."
އޭނާގެ މި ވާހަކަ އަށް ދެ ލޯ ބޮޑުވުމުން ދެން ބުނީ މިހެންނެވެ.
"މި ބުނެވުނު އެއްޗަކުން ނުބައި މާނައެއް ނުނަގައްޗޭ."
އެ ބުނާ މާނައަކަށް ނުގޮސް އޭގައ ދެން އޮތް މާނަ އަށް ދާއިރު އެއިން ދޭހަ ވަނީ ޖީއެން ސައިކަލަށް އަންހެން ކުދިންގެ ހިތްތަކުގައި ހާއްސަ ކަމެއް ނުވަތަ ހާއްސަ ޖާގައެއް ދީފައިވާ ކަމެވެ.
"ނޭނގޭ ބުނެދޭކަށް ކީއްވެގެން ކަމެއް ޖީއެން ސައިކަލެއް ކަމުދަނީ. އެކަމަކު ހަމަ ޔަގީނަށް ވެސް އެނގޭ ކަމަކީ އެހެން ސައިކަލްތަކަށް ވުރެ އެ ސައިކަލް ސަޅިކަން،" ފުރަތަމަ ނަމަކީ ފާތުންއޭ ބުނެ ހިޔާލެއް ބަދަލުކޮށްލި ޒުވާން އެހެން އަންހެން ކުއްޖަކު ބުނީ މިހެންނެވެ.
"ވެދާނެ ދެން ފެންނަން މިހުރި ސައިކަލްތަކަށް ވުރެ ޖީއެންގެ ސިފަ ތަންކޮޅެއް ރޯޔަލްއޭ މިކިޔާ ވައްތަރަށް ހުންނާތީ ކަމަށް ވެސް. ކޮންމެ އެއްޗެއް ވެސް ރީތިވުމުގައި އޭގެ ސިފަ ނުވަތަ ބައްޓަން މުހިންމު ރޯލެއް ކުޅޭތާ. މިސާލަކަށް އަންހެން ކުދިން ވެސް ވަކި ވައްތަރަކަށް ތިބީމަ ކަމުދާ މީހުން ވެސް ތިބޭތާ،" ޖީއެން ސައިކަލެއްގައި ގޮސް ރާޅުގަނޑު ސަރަހައްދަށް މަޑުކޮށްލި ޒުވާން ފިރިހެން ކުއްޖަކު ހިނިގަނޑެއް ޖަހާލާފައި ކިޔައިދިން ވާހަކަ އަކީ މިއީ އެވެ.
އެ ވާހަކައެއް އޭނާ ދެއްކީމަ އޭނާގެ ސައިކަލުގެ ފަހަތުގައި ހުރި އަންހެން ކުއްޖާގެ އަތް ދަމާލާފައި ނިކަން ބާރަށް މި ފިރިހެން ކުއްޖެއްގެ ކޮނޑުމަތީގައި ވީއްލައިލީ އެވެ. އެކަމަކު ޖީއެން ސައިކަލް ކަމުދާ ކަމަކަށް އަދި ރީތި ކަމަކަށް ވެސް އެއްބަހެއް ނުވި އެވެ.
އެކަމަކު ވެސް ބިޓެއް ސެޓްކުރަން ސައިކަލެއް މުހިންމުވާ ކަމަށް ބުނެވޭ ވާހަކަ އާއި އެ ސައިކަލަކަށް ޖީއެން ސައިކަލެއް ވުމުން އަންހެން ކުއްޖާގެ ހިތް ފަސޭހައިން ލެނބޭ ކަމަށް ބުނާ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވެސް އެބަހުއްޓެވެ.
"ގިނަ އަންހެން ކުދިން ހަމަ އަސްލަށް ވެސް އެއްބަހެއް ނުވާނެ. އެކަމަކު ޖީއެން ސައިކަލް ހަމަ ސަޅި،" އެހެން އަންހެން ކުއްޖަކު ބުންޏެވެ.
އެކަމަކު އޭނާ ބުނީ ޑޭޓަކަށް ދާން ކޮންމެހެން ސައިކަލެއް މުހިންމު ނުވާ ކަމަށެވެ.
"ދެ މީހުން ހިނގާލާފައި ދިއުމަކީ ވެސް ވަރަށް ރޮމޭންޓިކް ކަމެއް. ސައިކަލެއްގައި ބުރެއް ޖަހާލަން ދިއުމުގެ ބަދަލުގައި ހިނގާލަން ދިއުން ވެސް މާ ހިތްފަސޭހަ،" މި އަންހެން ކުއްޖާ ބުނީ މިހެންނެވެ.
ފަހަރެއްގައި މިއީ ވެސް ބައެއް އަންހެން ކުދިންނަށް ކަމުގޮސްދާނެ ގޮތެކެވެ. ބައެއް އަންހެން ކުދިން ގަބޫލުކުރާ ގޮތުން، މާ ބޮޑަށް ގޮތް ނުދައްކައި އާދައިގެ ގޮތަކަށް ހިނގާލާފައި އަންނަ ފިރިހެން ކުއްޖާގެ ހިތުގައި ކުޅޭ ލޯބީގެ ރާގު މާ ރީތިވެދާނެ އެވެ.
އެކަމަކު މި ރާގެއް ރީތިކުރުމަށް ހަނދާން ކުރަން ޖެހޭ "ލޯބީގެ ނޯޓަކީ" ރަތް ފިނިފެންމަލެކެވެ. ރެލީ ބައިސިކަލަކަށް އަދި ޖީއެން ސައިކަލަކަށް ނުވަތަ ކާރަކުން އަންހެން ކުއްޖެގެ ހިތް ކަތިނުލެވުނަސް ފިނިފެން މަލެއްގެ ކަށި ނުހެރޭނެ ހިތެއް ނުވެ އެވެ.