ހަބަރު

ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަން ކުރައްވައިފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރައްވައިފިއެވެ.

ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަން ކުރައްވާ، އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަލީ ހާޝިމަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް، ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ފެންނަ ކަމަށް 55 މެންބަރުންގެ އިއްތިފާގުން ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ.

ލެކިއުޓު ހިމެނޭ އިންޓެލް އިންވެސްޓްމެންޓްގެ މަސްލަހަތު އޮންނަ އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނި ކޮށެވެ.

އެގޮތުން، މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފަ އެވެ.