ޓްރާންސްޕޯޓް އޮތޯރިޓީ

ވާމިލިއަނުން ފެރީގެ ހިދުމަތް ދިނުން ހުއްޓާލީ އެއްބަސްވުމާ ހިލާފަށް

ވާމިލިއަން ކުންފުނިން ތިން އަތޮޅަކަށް ދެމުން އައި ފެރީގެ ހިދުމަތް ހުއްޓާލީ، އެއްބަަސްވުމާ ހިލާފަށް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ލަފާ ދެއްވާފައި ވާތީ، އެއްބަސްވުމުގެ ދަށުން ވާމިލިއަން ކުންފުންޏަށް ރިސޯޓު ހަދަން ދީފައިވާ ރަށްތަކާމެދު ގޮތެއް ނިންމަން ޓޫރިޒަމް މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށް ޓްރަންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރަންސްޕޯޓް މިނިސްޓްރީގައި މިއަދު "ނުވަގަޑީ" ގައި އެ މިނިސްޓްރީން ބުނީ ވާމިލިއަން ރިސޯޓް ހަދަން ރަށްތަށް ދީފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެ މިނިސްޓްރީއަށް އަންގާފައިވުމުން، އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީއާ ބައްދަލުކޮށް އެއްބަސްވުމާ ހިލާފަށް ވާމިލިއަން ދީފައިވާ ރަށްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ވާމިލިއަން ކުންފުނިން ފެރީގެ ހިދުމަތް ހުއްޓާލުމުން، މިހާރު އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އަށެވެ.

ވާމިލިއަން ކުންފުނިން ފެރީގެ ހިދުމަތް ދެމުން ގެންދިޔައީ ފ. އަތޮޅާއި މ. އަދި ދ. އަތޮޅަށެވެ. ނަމަވެސް މިދިޔަ ރޯދަ މަހުގެ ތެރޭގައި ވަކި ސަބަބެއް ވެސް ނާންގާ ވާމިލިއަން ކުންފުނިން ވަނީ ފެރީގެ ހިދުމަތް ދިނުން ހުއްޓާލާފަ އެވެ. ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމުގެ ބަދަލެއްގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ރިސޯޓު ހެދުމަށް ދެ ރަށް ވެސް ދޫކޮށްފަ އެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.