ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވުމާއެކު ފުރަތަމަ ޖެއްސި ފްލައިޓުން 104 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.
ކޮވިޑް-19 އިގެ ބަލި ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވަނީ މާޗް 27 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ބޯޑަރު ހުޅުވާލުމާއެކު އެންމެ ފުރަތަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ.
ގަތަރުވެ ވެރިރަށް ދޯހާއިން ރާއްޖެ އައި، މި ފްލައިޓުން 128 މީޙަކު ރާއްޖެ އައިސްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި 104 ފަތުރުވެރިންނެވެ.
ބޯޑަރު ހުޅުވުވާލުމާއެކު ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓްރީން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިންނާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ގަތަރު އެއާވޭސްގެ ފްލައިޓް ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދިނެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އަލަށް ހަދައި ހުޅުވި އޭޕްރަން ސަރަހައްދުގަ އެވެ. މި ސަރަހައްދަށް ވަޒީރުންނާއި އިސް އޮފިޝަލުން ވަޑައިގެތެވެ.
ރަސްމިއްޔާތަށްފަހު، ވީއައިޕީ ލައުންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ބޯޑަރު ހުޅުވުމަކީ އުންމީދީ ދުވަހެއް ކަމަށާ، އިތުރު ޓޫރިސްޓުން ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ޓޫރިސްޓުން ފޮނުވާ ގައުމުތަކުން ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ފެތުރޭ މިންވަރަށް ބޮޑަށް ބަލާ ކަމަށް ވިދާޅުވި އެވެ.
"ޓޮޕް ޑެސްޓިނޭޝަންތަކާ ވާހަކަ ދައްކައިގެން އުޅޭއިރު، ހުރިހާ ގައުމުތަކުންވެސް ބަލާ މިންގަނޑަކީ ރާއްޖޭގައި އިންފެކްޝަންސް ހުރީ ކިހިނެއް ތޯ؟ ސްޕްރެޑް ވަނީ ކިހިނެއްތޯ؟ ރާއްޖޭގައި އަމަލުތައް ހުރީ ކިހިނެއްތޯ؟ ޓޫރިސްޓުން އައީ ކިހިނެއް ތޯ؟ އަޅުގަނޑުމެންގެ ސޭފްޓީ މެޝާސް ވަރުގަދަ ވާ ވަރަކަށް ލިޔެވިގެންދޭ ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި ލިޔެވިގެން ދިއުން. އެހެންވީމަ މުހިންމު މި އަދަދަކީ އާއްމު ހާލަތެއް ނޫންކަން ހުރިހާ ރައްޔިތުންވެސް ބަލައިގަނެގެން އެޗްޕީއޭއިން އަންގާ ގޮތަށް އަމަލުތައް ބެހެއްޓުން،" ފައްޔާޒު ވިދާޅުވި އެވެ.
ބޯޑަރު ހުޅުވާއިރު 11 އެއާލައިނެއް ރާއްޖެ އަންނަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ރާއްޖެއަށް މި މަހު ތެރޭގައި ޖައްސަން ޝެޑިއުލްކޮށްފައި ވަނީ ތިން އެއާލައިނަކުންނެވެ. އަންނަ މަހުގައި ހަ އެއާލައިންއެއް އައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި ސެޕްޓެމްބަރު މަހު ދެ އެއާލައިނެއް އަންނާނެ އެވެ. އަދި އޮކްޓޫބަރު އަންނާނީ އެންމެ އެއާލައިނެކެވެ.
ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ބުކިން ހަދާއިރު ކޮވިޑް-19 އަށް ޓެސްޓު ކުރި ކަމުގެ ލިޔުމެއް އިމިގްރޭޝަނަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް ރާއްޖެ އައުމަށްފަހު މި ބައްޔަށް ޓެސްޓު ކުރާނީ ހަމަ އެކަނި ބަލީގެ އަލާމާތްތަށް ހުންނަ މީހުންނެވެ.