މޯލްޑިވްސް ޕޮލިސް ސާވިސް

އަނިޔާކުރި ފުލުހުންގެ މައްސަލަ ޕީޖީގެ މަޝްވަރާއަށް ފޮނުވައިފި

މާފަންނު ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފަރާތަށް އަނިޔާކުރި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ފުލުހުންގެ މައްސަލަ މިހާރު ޕީޖީގެ މަޝްވަރާއަށް ފޮނުވާފައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ސަސްޕެންޑްކުރި ހަތް ފުލުހުންގެ ސަސްޕެންޝަން މިއަދު ހަމަވެފައިވީ ނަމަވެސް އެ ހަތް ފުލުހުން ވަޒީފާއަށް ނެރެފައި ނުވާ ކަމަށެވެ.

އަދި ބުނީ ފުލުހުންގެ ގަވާއިދު ބުނާ ގޮތުންނަމަ، އަނިޔާ ކުރި ފުލުހުންގެ މައްސަލައިގެ ގޮތް ނިންމުގެ ފަހު ދުވަހަކީ މިމަހު 12 ވަނަ ދުވަސް ކަމަށެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި އެ ހަތް ފުލުހުންގެ ޖިނާއި މައްސަލަ ޕީޖީގެ މަޝްވަރާއަށް
ޑިޔުޓީ ޕްރެސެކިއުޝަން އަށް ފޮނުވާފައިވާ ކަމަށެވެ.

މާފަންނު ގެއެއްގެ ތެރެއަށް ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރިކަން އެނގުނީ އަނިޔާކުރާ ވީޑިއޯ އާންމުވެ ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ.

ވީޑިއާ އާންމުވުމާއެކު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އޭރު ވިދާޅުވީ، ފުލުހުންގެ ބަޔަކު އާދައިގެ ޔުނީފޯމްގައި ތިބެ ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ބަލައި ރިވިއު ކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ ގަބޫލު ކުރެވޭނެ ކަމަކަށް ނުވުމުން، އަނިޔާ ކުރުމުގައި ބައިވެރިވި ހުރިހާ އޮފިސަރުން ސަސްޕެންޑް ކުރުމަށްފަހު ތަހުގީގް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.