މޯލްޑިވްސް ޕޮލިސް ސާވިސް

"ފުލުހަށް ނުފޫޒު ފޯރުވާ ކަމަށް ބަލާނެ ޖާގަ އެބައޮތް"

ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއް ކުރުމުގެ ބަދަލުގައި، އެންމެ ޒިންމާދާރު ގޮތަކީ ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލު ކުރަން މަސައްކަތް ކުރެއްވުން ކަމަށާއި އެހެން ނޫނީ އެއީ ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިމިވަނީ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ފުލުހުންގެ މުއައްސަސާގެ އިޚްލާސްތެރި ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރިޔާސީ ކޮމިޝަނުން، ރިލްވާންގެ މައްސަލައާ ގުޅިގެން ނެރުނު ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މުހިންމު ކަންކަން އިތުރަށް ތަހުގީގުކޮށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މީހުން ހައްޔަރު ކުރަން ދާދިފަހުން އޭޖީ ވަނީ ލަފާދެއްވާފަ އެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާއިން ވަނީ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަން ދެކޮޅު ހަދާފަ އެވެ.

ޖަމީލް މިއަދު ވިދާޅުވީ ގައުމުގެ މުހިންމު އިދާރާތަކަކީ އެ ގައުމެއްގެ ރުކުންތައް ކަމަށެވެ. އަދި ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތް ކުރެއްވުން ކަމަށެވެ.

"އެހެން ނޫނީ އެއީ ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެ" ކުރީގެ ހޯމް މިނިސްޓަރުކަން ވެސް ކުރެއްވެވި ޖަމީލް ވިދާޅުވި އެވެ.

ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން. އެހެން ނޫނީ، ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެ،
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ރިލްވާންގެ މައްސަލައާ ގުޅިގެން ފުލުހުންގެ މުއައްސަސާގެ އިޚްލާސްތެރިކަމާމެދު ބައެއް ބޭފުޅުން ސުވާލު އުފައްދަވަމުގެން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުންދާ ކަމަށް މީގެ ތިން ރޭ ކުރިން އެމަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރޭ ރައީސް ނަޝީދު ވިދާޅުވީ މިއަދު ސަރުކާރަށާއި އެންމެނަށް ވެސް ދިމާވެފައިވާ މައްސަލައަކީ ފުލުސް އޮފީހުގެ ތެރެއިން ގަވާއިދުން ހިންގަންޖެހޭ ކަންކަން ހިންގަން ދަތިވެފައިވުން ކަމަށެވެ.