ހަބަރު

ސިޔާސީ އެއްވެސް ޕޯސްޓަކަށް ލައިކެއް ނުދެން: ދާއޫދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ކުރެއްވި ޓްވީޓަކަށް އަދި އެހެން އެއްވެސް ސިޔާސީ ޕޯސްޓްތަކާއި ޓްވީޓްތަކަށް ލައިކް ދީފައި ނުވާނެ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ދާއޫދު މި ގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވީ، ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ޖުޑިޝަރީއަށް މި ސަރުކާރުގެ ބޭފުޅުން "އަތް ބާނައިގެން" ކަމަށް ޑރ. ޖަމީލު ކުރެއްވި ޓްވީޓަކަށް އޭނާ ލައިކް ދީފައިވާ ކަމަށް ފެންނަ ސުކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދަނިކޮށެވެ. ބައެއް ނޫސްތަކުގައި މި ކަން ރިޕޯޓް ވެސް ކުރި އެވެ.

މިކަމާ ގުޅިގެން ދާއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ސިޔާސީ އޭނާ ކޮމެންޓްކޮށްފައި ނުވާނެ ކަމަށާއި ލައިކް ވެސް ދީފައި ނުވާނެ ކަމަށެވެ. އެއީ ފުލުހުންގެ ހުވައާއި ހިލާފް، ނާތަހުޒީބް އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް އަޅުގަނޑު ކޮމެންޓްކޮށް އަދި ލައިކް ދީފައި ނުވާނެ، އަޅުގަނޑަށް އެނގިގެން މިފަދަ ނާތަހުޒީބު އެއްވެސް އަމަލެއްކޮށްފައި ނުވާނެ، އަޅުގަނޑު ކޮށްގެން ހުރި ފުލުހުންގެ ހުވަޔާއި ޚިލާފު ވާނެ ފަދަ އެއްވެސް އަމަލެއް ނުކުރާނަން،" ދާއޫދުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ފާޑުކިއުން އަމާޒުކުރައްވާފައިވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކަށް ވާއިރު، އެފަދަ ޕޯސްޓްތަކަށް ލައިކްކޮށް ކޮމެންޓް ކުރުމާއި ވަކި ގޮތަކަށް އެއިން ކަމަކަށް ތާއީދު ކޮށް ހެދުމަކީ ފުލުހުންގެ ޕްރޮފެޝަނަލް ސެޓެންޑާޑްއާ ހިލާފު ކަމެކެވެ.

މިފަދަ ޓްވީޓަކަށް ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި ދާއޫދު ލައިކް ކުރެއްވި ކަމަށް ފެންނަ ސުކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ދާއޫދަށް ފާޑުވެސް ކިޔަމުންނެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޖުޑިޝަރީއަށް އަތް ބާނައިގެން ކަމަށް ޖަމީލު ވިދާޅުވިއިރު، ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ފަށާފައިވާ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ވެސް ޖަމީލުގެ ޓްވީޓުގައި ގޮވާލައްވައިފަ އެވެ.