ވޯލްޑްކަޕް ކޮލިފިކޭޝަންގައި މާދަމާ ރޭ ރާއްޖެ އާއި ޗައިނާ ކުޅޭ މެޗު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައިގައި ތާރީހީ މެޗަކަށެވެ. އޭޝިއާގެ ފުޓްބޯޅައިގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަރަމުން އަންނަ ޗައިނާ ގޮވައިގެން ރާއްޖެއާ ދެކޮޅަށް ނުކުންނީ އިޓަލީ އަށް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދިން މާސެލޯ ލިއްޕީ އެވެ.
ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ފައިނަލުގައި، ފްރާންސްގެ އޭރުގެ ތަރި ޒައިނުއްދީން ޒިދާން ލަނޑު ކާމިޔާބު ކޮށް ފްރާންސަށް ލީޑް ނަގައިދިފައި ވަނިކޮށް އިޓަލީން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުންނެވެ. ލިއްޕީގެ އެންމެ ހާއްސަ ކަމަކީ މެޗުގެ ތެރެއިންވެސް މެޗުގެ ޓެމްޕޯ އާ ގުޅޭ ގޮތަށް އެކިގޮތްގޮތަށް އަވަސް އަވަހަށް ފޯމޭޝަން ބަދަލު ކޮށްލުމެވެ. އެ ފަހަރުގެ ވޯލްޑްކަޕުގެ ފައިނަލުވެސް ކާމިޔާބު ކުރީ މުޅި ޓީމުގެ ސްޓްރެޓަޖީ އެކިވަގުތު ތަކުގައި ބަދަލު ކުރަމުން ގޮހެވެ.
ލިއްޕީ ވަނީ، އިޓަލީގެ ގަދަ ބާރު ޔުވެންޓަސް އާއެކު ބޮޑެތި ކާމިޔާބުތަކެއް ހޯދައިދީފަ އެވެ. އެގޮތުން 1996 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގްގެ ޔުވެންޓަސް އަަށް ކާމިޔާބު ކޮށްދިނެވެ. ޗައިނާގެ ސުޕަ ލީގްގެ ގުއަންޒޫ އެވަގުރާންޑޭ އަށް 2013 ވަނަ އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދީ ލިއްޕީ ވެފައި ވަނީ ދެ ބައްރުގެ އެންމެ މަތީ ކުލަބު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ކޯޗަށެވެ.
މެދުކެނޑުމަކަށް ފަހު 2008 ވަނަ އަހަރު އިޓަލީގެ ކޯޗް ކަމާ ލިއްޕީ ހަވާލުވި އެވެ. ވޯލްޑްކަޕް ކޮލިފިކޭޝަންގައި އެ އަހަރު ސެޕްޓެމްބަރު މަހު ޖޯޖިއާ އާ ދެކޮޅަށް ލިއްޕީ ނުކުތް އިރު ރާއްޖޭގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗް ޕީޓާ ޝެގަޓް މަސައްކަތް ކުރަމުން ދިޔައީ ޖޯޖިއާގެ ފެޑްރޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެ މަގާމުގައި ގައުމީ ޓީމާ ވަރަށް ގާތުން އޭނާ މަސައްކަތް ކުރި އެވެ.
ވޯލްޑްކަޕް ޗެމްޕިއަނެއްގެ ގޮތުގައި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތަށް އިޓަލީ ގޮވައިގެން ލިއްޕީ ކުރިމަތިލި ނަމަވެސް އޭނާ އަށް ކުރިމަތިވީ ނާކާމިޔާބެވެ. އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ގުރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހުނީ އެވެ.
އެފަހަރުގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ކުރީގެ ކޯޗް ނިއުޒިލޭންޑްގެ ރިކީ ހާބަޓްގެ އޭނާގެ އަމިއްލަ ގައުމުގެ ގޮވައިގެން ނުކުމެ ލިއްޕީގެ އިޓާލީ އާ ދެކޮޅަށް ޕޮއިންޓެއް ހޯދި އެވެ. ފުރަތަމަ ހާފުގައި ނިއުޒިލޭންޑުން ލީޑް ނަގާފައި ވަނިކޮށް، އިޓަލީ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.