ހަބަރު

ރިލްވާންގެ މައްސަލައާ ގުޅިގެން ދެ ގާނޫނެއް އިސްލާހު ކުރަނީ

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ދެ ގާނޫނަކަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަރު ކޮމިޝަން އިން ތަހުގީގު ކުރި ރިލްވާންގެ މައްސަލަ ކުރިޔަށް ގެންދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެގޮތުން ޓެރަރިޒަމް ރަނގަޅަށް މާނަކޮށް އަސްލު ޓެރަރިސްޓުން ފަސޭހައިން ހިފާ ހައްޔަރު ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.

"ޓެރަރިޒަމްގެ ގާނޫނު މިހާރު އޮތް ގޮތުން އަސްލު ޓެރަރިސްޓުން ނުވަތަ ޓެރަރިޒަމްގެ އަމަލު ހިންގާ ފަރާތާ ދިމާލަށް ދިޔުމަށްވުރެ އޭގެ އަމާޒު އޮތީ އެހެން ދިމާލެއްގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވެސް ބައެއް އިސްލާހުތައް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރުވާ ގޮތުން ތަހުގީގައި ހައްޔަރުކޮށްފައި ބެހެއްޓޭނެ ވަކި މުއްދަތެއް ކަނޑަައަޅާފައިވީ ނަމަވެސް ޓެރަރިޒަމް އާއި ދައުލަތުގެ މަސްލަހަތާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހާ ތަހުގީގު ނިމި ޝަރީއަތް ނިމެންދެން ބަންދު ކުރަން ޖެހެ އެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އެ ޖާގަ ޕްރޮސެކިއުޓާ ޖެނަރަލަށާއި ފުލުހުންނަަށް އަދި ޝަަރުއީ ކޯޓުތަކަށް ވެސް ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ބަދަލު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އިއްޔެ ފަށައިފިން. އިރާދަ ކުރެއްވީއާ އެ ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑާ ހަމަޔަށް މިއަދު ގެންނާނެ، އަދި ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވާ އެ މަސައްކަތް ފަށާނަން،" ރައީސް އިތުރަށް ވިދާޅުވި އެވެ.