ހަބަރު

ރިލްވާން މައްސަލަ: ފިޔަވަޅުތައް މިއަދުން މިއަދަށް ފެންނާނެ

ވަގަށް ނަގައި މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރުގެ ތަހުގީގީ ރިޕޯޓާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތައް މިއަދުން މިއަދަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން މައްސަލައާ ގުޅޭ ތަހުގީގުގެ ބޮޑު ބައި ނިންމައި ޑްރާފްޓް ރިޕޯޓް އެކުލަވާލާފަ އެވެ. އަދި އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މީޑިއާއަށް އާންމުކޮށް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ.

ރިޕޯޓްގައި ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވި އަދި އެހީތެރިވި މީހުން ހާމަކޮށްފައިވެ އެވެ. އަދި ރިލްވާން މައްސަލާގެ ތަހުގީގަށް ހުރަސް އަޅައި އެހެން ދިމާލަކަށް އަނބުރަން މަސައްކަތްކުރި ފުލުހުންގެ މައުލޫމާތު ވެސް ހާމަކޮށްފައިވެ އެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވަނީ އިންޓެލް ދެ ފުލުހަކު، ރިލްވާން ސީރިއާއަށް ދިޔަކަން ދައްކައި އޭނާ އެ ތަނުގައި މަރުވި ކަމަށް ހަބަރު ފަތުރަން އުޅިފައިވާ ކަމެވެ. އެކަން ރިޕޯޓްގައި ބަޔާންކުރީ އޭރުގެ ކޮންޓްރޯލާ ހަސަން އަލީ ދެއްވާފައިވާ ބަޔާނަކަށް ރިއާޔަތްކޮށެވެ.

އެ ދެ ފުލުހުން ހައްޔަރު ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ވަނީ ދެ ފުލުހުން ހައްޔަރު ކުރުމަށް ފުލުހަށް އަންގާފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެ ދެ ފުލުހުން ހައްޔަރު ކުރާނެ ވަރަކަށް ހެކި ނެތް ކަމަށެވެ. އަދި ސީޕީ ވެސް ވިދާޅުވެފައިވަނީ އެ މައްސަލައަކީ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކަށްވާއިރު ހައްޔަރު ކުރުމުގެ އަމުރެއް ހޯދޭނީ ކޮމިޝަނަށް ކަމަށެވެ.

އެ މައްސަލަ ބޮޑުވެފައިވަނިކޮށް މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހު މީޑިއާއާ ބައްދަލު ކުރައްވައި ވިދާޅުވީ ރިޕޯޓާ ގުޅިގެން މިހާރު ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން އިއްޔެ ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލާއި ފުލުހުން އަދި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

"މިހާރުން މިހާރަށް ކުރަން ޖެހޭ ކަންކަން، އަދި އޭގެ އިތުރަށް ވެސް މިކަމާ ގުޅިގެން ކުރަން ޖެހޭ ކަންތައްތަކަކީ އެތައް މުއައްސަސާތަކާ ގުޅިފައި ހުރި ކަމެއް، އެންމެ ކަމެއް ނޫން ކުރަން މިޖެހެނީ، ތަހުގީގަށް ހާޒިރު ކުރަން ޖެހޭ މީހުން އެބަ ތިިބި، ސުވާލު ކުރަން ޖެހޭ މީހުން އެބަ ތިބި، ހައްޔަރު ކުރަން ޖެހިއްޖެޔާ ހައްޔަރު ކުރަން ޖެހޭ މީހުން އެބަތިބި، މި ހުރިހާ ކަމެއް ކުރެވޭނީ މުއައްސަސާތައް ގުޅިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގައި މުއައްސަސާތަކުން ވަނީ މިކަމުގައި މިހާރުން މިހާރަަށް ކުރަން ޖެހިފައިވާ ކަންކަން ގުޅިގެން ކުރުމަށް އެއްބަސްވެފައި ކަމަށެވެ. އެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށްދާ ކަމަށެވެ.

"ބަންދު ކުރަން ޖެހޭ މީހެއް ހުރި ކަމަށްވާނަމަ ބަންދުކޮށްގެން ތަހުގީގު ކުރަން ޖެހޭ ކަމަށްވާ އެކަން ކުރަން އެއްބަސްވެވުނު، އޭގެ އިތުރުން ރިޕޯޓް ވީއެންމެ އަވަހަކަށް ފައިނަލް ކުރުމަށް އެއްބަސްވެވުނު، ފުލުހުންގެ ތެރޭގައި ވެސް ތަހުގީގު ކުރަން ޖެހޭ ފަރާތެއްވާނަމަ އެކަން ހިނގާނެ އިއްޔެގެ ބައްދަލުވުމާއެކު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިލްވާން މައްސަލާގައި ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ކޮމިޝަނަށް ހޯދައިދެއްވާނެ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މުއައްސަސާއަކުން އެއްބާރުލުން ނުލިބިގެން އޭގެ ޝަކުވާ ކޮމިޝަނުން އެމަނިކުފާނާ ހަމައަށް އައިސްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރިލްވާން ގެއްލުވާލުމުގައި ހައްދު ފަހަނައެޅި ޖަމާއަތެެއްގެ ބައިވެރިވުން އޮތުމުން އެ ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާނެ މަސައްކަތް ކުރާނެކަން ވެސް މިއަދު ރައީސް ސޯލިހު ހާމަ ކުރެއްވި އެވެ.

"މިއަދުން މިއަދަށް، މިއަދު ވެސް އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ދާނެ، އަމަލީ ގޮތުން އެކަންކަން ފެށުމުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އޭގައި ޕޮލިހާއި އެމްއެންޑީއެފްއާއި ބަންޑާރަ ނައިބާއި ޕީޖީ ހިމެނިގެން އެކަން ކުރިއަށް ދާނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އަޅަން ނިންމާފައިވާ ފިޔަވަޅުތައް މިއަދު ރައީސް ހާމައެއް ނުކުރައްވަ އެވެ. ވިދާޅުވީ އެ ފިޔަވަޅުތައް ކުރިން ހާމަކޮށްފިނަމަ އެކަމުގައި އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އެފަދަ ނުރައްކާތެރި މީހުން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޓެރަރިޒަމްގެ ގާނޫނަށް ބައެއް ބަދަލުތައް ގެނެސް ވަރަށް އަވަހަށް އެ އިސްލާހުތައް ފާސް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޕޯޓްގައިވާ ގޮތުން ރިލްވާން ގެއްލުވާލައި މަރާލުމުގެ ފަހަތުގައި އޮތީ އަލްގައިދާގެ ރާއްޖޭގެ ގޮއްޕެވެ. އެމީހުން ރިލްވާން މަރާލީ، އޭނާ ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނެ ކަމަށް ރިޕޯޓްގައިވެ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިލްވާން މައްސަލާގައި ހިމެނޭ ސީރިއަސް ކަންކަމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ކުރިއަށް އަޅުއްވާނެ ކަމަށެވެ.