ހަބަރު

ކިލޯއެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 32 އަހަރުގެ އަންހެނެއްގެ އަތުން އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން ބުނީ ސެޕްޓެމްބަރ 1 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި އެ މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 70 ކެޕްސޫލް (ބަރުދަނުގައި 1089 ގްރާމް) ފެނިފައިވާ ކަމަށެވެ.

އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮސިޓިވް ވެފައި ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 3,811,500.00 (ތިން މިލިއަން އަށްލައްކަ އެގާރަހާސް ފައްސަތޭކަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ އެމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައި ކަމަށާއި، މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 24.78 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފައި ކަމަށެވެ.