ހަބަރު

ލަނޑުދަނޑިތައް ހާސިލުކުރަން ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭ: ޑރ. ހުސެން

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރަން ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ސްވިޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް" ގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އިންސާނުން ގެ ބައެއް ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ގުރުބާނީ ތަކެއް ވާން ޖެހޭނެ ކަަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ޕެރިހުގައި އެކުލަވައިލި ޕެރިސް އެގްރީމެންޓްއަށް ފަހު މިހާރު މުޅި ދުނިޔެ ވަނީ އެ އެގްރީމެންޓްގައި އެއްބަސްވެވުނު ކަންތައްތައް ތަންފީޒު ކުރަން އަތުކުރި އޮޅާލާފައިކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އޭގައިވާ ބައެއްކަންތައްތައް ތަންފީޒު ކުރަމުން ދާއިރު ޓުއަރިޒަމާއި އިމްޕޯޓް މާކެޓަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސޯދަށް އަސަރުތަކެއް ކުރާނެ ކަމަށެވެ.

އެފަދަ ކަންކަމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ފޮރިން އިންވެސްޓްމެންޓްތައް ގެނައުމުގެ މުހިއްމުކަމާއި، އަދި މައިގަނޑު އެއް ދާއިރާއެއް ނުވަތަ ދެ ދާއިރާއަކަށް އިގުތިސާދެއް ބަރޯސާވެފައި އޮންނަ އޮތުން ކުޑަ ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.