ހަބަރު

މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކަށީގެންވާ މާލީ އެހީތެރިކަން ނުލިބޭ

ގައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ އެންޑީސީގެ އަމާޒުތައް ހާސިލުކޮށް އަދި އެމްބިޝަން އިތުރު ކުރުމަށް އެކަށީގެންވާ ވަރަށް މާލީ އެހީތެރިކަން ގައުމުތަކުން ނުލިބޭ ކަމަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ އދ. މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އަހަރީ ބައްދަލުވުން، "ކޮޕް 25" ގައި ރޭ ތަގްރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޕެރިސް އެގްރީމަންޓް ތަންފީޒު ކުރުމަށްޓަކައި އިތުރު މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން އާއި އެމްބިޝަން އިތުރު ކުރުމަށް ވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީ ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް އެފަދަ އެހީތެރިކަމެއް އެކަށީގެންވާ މިންވަރަށް ލިބިފައިނުވާ ކަމަށާއި އެފަދަ އެހީތައް ނުލިބި އެމްބިޝަން އިތުރު ކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގައުމުތަކުން ލިބެންހުރި މަދު މިންވަރުގެ ފައިސާ ހޯދުމުގައިވެސް ގިނަ ދަތިތަކާއި، ހުރަސްތައް ގިރާކުރަންޖެހޭ، މިއީ ގަބޫލު ކުރެވޭނެ ކަންކަން ނޫން," އެމަނިކުފާނު ވިދާޅުވި އެވެ.

ހުސެއިން ރަޝީދު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދުމަށް ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ "ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި އެގްރީމަންޓެއްގައި ލިޔެވިފައި އޮންނަ ފޮޅުވަތްތަކަކަށް ވުމުގެ ބަދަލުގައި އޭގަ ހުރި ކަންކަން ތަންފީޒު ކުރަން އެންމެން އެއްބަސްވާންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ދުނިޔޭގެ އެންމެންގެ ހައްގުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ކާރިސާތަކާއި ކުރިމަތިލުމުގައި ނިޒާމުގެ މަސައްކަތް ލަސްވުމެއްނެތި އަވަސް ކަމާއެކު ތަންފީޒު ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ

ކޮޕް 25 ކުރިޔަށް ދަނީ މިދިޔަ ހަފްތާ ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމަޔަށެވެ.