ހަބަރު

ކޮންގްރެސް ޕާޓީގެ ނާއިބު ރައީސަކަށް ނިމާލް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުސްވެފައިވާ ނާއިބު ރައީސްކަމުގެ މަގާމަށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު އިންތިޚާބު ކޮށްފި އެވެ.

ކޮންގްރެސްގެ ނާއިބް ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވީ، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. ނަމަވެސް އޭނާ ވަނީ މަގާމާއި އެޕާޓީގެ މެންބަރުކަމުން ވެސް ވަކިވެވަޑައިގެން، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެެވެ.

ކޮންގްރެސްއިން މިއަދު ބުނީ ނިހާން ކުރިން ހުންނެވި މަގާމަށް، ނިމާލް އިންތިޚާބުކޮށްފައިވަނީ މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލްވުމުގައި ކަމަށެވެ.

ކޮންގްރެސްގެ ނާއިބު ރައީސްކަމުގެ މަގާމަށް ނިމާލު އިންތިޚާބު ކުރުމާއި ގުޅިގެން އެ ޕާޓީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނިމާލް ވިދާޅުވީ ޕީއެންސީގެ ނާއިބު ރައީސްކަމުގެ މަގާމަށް އިންތިޚާބު ކޮށްދެއްވީތީ ކައުންސިލް މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުންނާއި، ޕާޓީގެ ފިކުރަށް ތާއީދުކުރާ މެންބަރުންނާ އެޕާޓީ ގުޅުވައިދޭ "ބްރިޖެއް" ގެ ގޮތުގައި އޭނާ ދެމި ހުންނަވާނެ ކަމަށެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ބޮޑުވެ، އެޕާޓީ ގެއްލިދާނެ ކަމުގެ ބިރަށް ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުންކޮޅެއް އުފެއްދެވި ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ވެސް އެޕާޓީގެ ނާއިބު ރައީސްކަމުގެ މަގާމަށް ނިމާލް ކުރިމަތިލެއްވިއެވެ. ނަމަވެސް އެ ފަހަރު ނިމާލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.