ޓެކްނޯލޮޖީ

އޮޕަރޭޝަން ޑޮކްޓަރުގެ އެހީތެރިއަކަށް ރޮބަޓެއް!

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ބައެއް ވަޒީފާތަކުގައި ރޮބަޓުން ގެންގުޅެން ޖަޕާނުން ނިންމި އެވެ. އެއީ ވަރަށް ކުދި އާދައިގެ ވަޒީފާތަކެވެ. އެއީ ނުކުރެވޭނެ ކަމެއް ކަމަށް ވެސް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ސަބަބަކީ އެ ދުވަސްވަރު ރޮބަޓް އުފެއްދުމަކީ ރޮކެޓް ސައިންސަށް ވުރެން އުނދަގޫ ކަމަކަށް ވުމުންނެވެ. ނަމަވެސް ޖަޕާނުގެ ޓެކްނޮލޮޖީ ކުންފުނީގެ މުވައްޒިފުން ދިޔައީ މުވައްޒިފެއްގެ ގޮތުގައި ރޮބަޓް އުފައްދާ ބޭނުން ކުރާނެ ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެފަހުން ޖަޕާނުގައި ފެތުރިގެން ދިޔައީ ރޮބަޓެއް ރިސެޕްޝަނިސްޓެއް ވަޒީފާ އަދާކުރި ހަބަރެވެ.

އެ ރޮބަޓަށް ނަމެއް ދީފައެއް ނުވެ އެވެ. އަދި ރޮބަޓް ވަޒީފާ އަދާ ކުރަމުން ދިޔައީ އޭތި އުފެއްދި ކުންފުނީގައި ކަމަށް ވުމުން ގިނަ ބަޔަކަށް ރޮބަޓުގެ ހުޝިޔާރުކަން ފެނިފައެއް ވެސް ނުވެ އެވެ.

ދެން އިވިގެން ދިޔައީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މަޝްހޫރު ރެސްޓޯރެންޓެންގެ ވޭޓަރު ކަން ރޮބަޓަކަށް ދިން ހަބަރެވެ. މިފަހަރު ހަމަ ހަގީގަތުގައި ވެސް ރޮބަޓުގެ ހުޝިޔާރުކަން ފެނުނެވެ. އެންމެ ބޮޑަށް ހައިރާން ކަމެއް ގެނުވީ އިންސާނުން ފަދައިން އެ ރޮބަޓް މަސައްކަތް ކުރަމުން ދިޔައީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ނުކޮށް ކަމަށް ވުމުންނެވެ. އެ ރޮބަޓުގައި އާޓިފިޝަލް އިންޓެލިޖެންސް ނުވެސް ހިމެނެ އެވެ. އެކަމަކު އިންޖީނިއަރުން ވަނީ ޖަޕާނުގެ ބަހާއި އިނގިރޭސި ބަސް އަދި ވޭޓަރުންގެ ހަރަކާތް ރިކޯޑްކޮށް ރޮބަޓުގެ މެމޮރީގައި އިންސްޓޯލް ކޮށްފަ އެވެ.

ޖަޕާނަކީ އަބަދުވެސް ރޮބަޓުފަދަ މެޝިނަރީސްތައް އުފެއްދުމަށް މަޝްހޫރު ގައުމެކެވެ. އަދި ޖަޕާނަކީ ބަލާލަން ހިތްގައިމު ރީތި ގުދުރަތީ މަންޒަރުތަކެއް ލިބިފައިވާ ވެސް ގައުމެކެވެ. މިފަދަ އެއް އަވަށަކީ ހިގާޝިނާރޫސް އެވެ. މިއީ އާބާދީ މަދު އަވަށެކެވެ. މި އަވަށުގެ އާބާދީ 3،000 އަށްވެސް ނާރަ އެވެ. އެހެންކަމުން މިއަވަށުގެ ހޮސްޕިޓަލަށް ޑޮކްޓަރުން ހޯދުން ވެފައިވަނީ ބޮޑު ކަމަކަށެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ޖަޕާނުގެ ރޮބަޓް އުފައްދާ ކުންފުންޏެއް ކަމަށްވާ ޔަސްކަވާ އިލެކްޓްރިކް ކޯޕަރޭޝަނުން ނިންމީ މި ހޮސްޕިޓަލަށް ޑޮކްޓަރުންގެ ގޮތުގައި ރޮބަޓުން ފޮނުވުމަށެވެ. އެވެސް ސާޖާރީ ކުރާ ރޮބަޓުންނެވެ.

މިކަމާ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް ޔަސްކަވާ އިލެކްޓްރިކް ރޮބަޓް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ. ދެ އަހަރާއި ބައިގެ މަސައްކަތުން ރޮބަޓް އުފައްދާ ޖަޕާނުގެ މެޑިކަން ބޯޑަށް ރޮބަޓުގެ ކުޅަދާނަކަން ދައްކާ، ސާޖަރީ ކުރުމުގެ ސެޓްފިކެޓް ވެސް ހޯދި އެވެ. އަދި ރޮބަޓް ހޮސްޕިޓަލަށް ހަދިޔާކުރި އެވެ. އޭރު ހޮސްޕިޓަލްގައި ސާޖަރީކުރާ ޑޮކްޓަރަކާއި އޭނާގެ އެހީތެރިޔަކު ހުއްޓެވެ. ނަމަވެސް ރޮބަޓް ހަދިޔާ ކުރުމުގެ ތިން މަސް ފަހުން ސާޖަރީ އެސިސްޓެންޓް ޗުއްޓީއަށް ދިޔަ އެވެ. ދެން ސާޖަރީ ޑޮކްޓަރު މަސައްކަތް ކުރަން ޖެހޭނީ މެޑިކަލް ރޮބާޓާއެކު އެވެ.

އެ ދުވަހުގެ މެންދުރަށް އެޅެން ދަނިކޮށް ހޮސްޕިޓަލަށް ވިހަން ގެންދިޔަ އަންހެނެއްގެ ސިޒޭރިއަން ހަނދަން ޖެހުނެވެ. އާއިލާއިން ދިޔައީ ރޮބަޓު ބޭނުންކޮށްގެން ސިޒޭރިއަން ހެނދުމާ ދެކޮޅު ހަނދަމުންނެވެ. ނަމަވެސް ޑޮކްޓަރު ވިސްނައި ދިނުމުން ފަހުން އެއްބަސްވި އެވެ. އަދި އަންހެން މީހާގެ ސިޒޭރިއަން ހެނދުމުގެ އޮޕަރޭޝަން ކާމިޔާބު ކުރި އެވެ. ފަހުން ޑޮކްޓަރު ބުނި ގޮތުގައި އޮޕަރޭޝަން ކާމިޔާބު ކުރުމުގެ 65 ޕަސަންޓަކީ ރޮބަޓެވެ. ރޮބަޓް އެ އަވަށުގެ މީހުންގެ މިތުރަކަށް ވެގެން ދިޔަ އެވެ.

މި ރޮބަޓަކީ އާޓިފިޝަން އިންޓެލިޖެންސް ހިމެނޭ ރޮބަޓެކެވެ. އެހެންކަމުން ޑޮކްޓަރުން ފަދައިން އޮޕަރޭޝަން ކުރުމުގެ ގާބިލްކަން މި ރޮބަޓަށް ލިބިގެންވެ އެވެ. ހިގާޝިނާރޫސް ހޮސްޕިޓަލްގެ ސާޖަރީ އެސިސްޓެންޓް ޑޮކްޓަރެއްގެ ވަޒީފާ އަދާ ކުރަނީ މިހާރު މި ރޮބަޓެވެ. ރޮބަޓުގެ އެހީގައި މިހާތަނަށް ވަނީ 34 އޮޕަރޭޝަނެއް ކޮށްފަ އެވެ. މިހުރިހާ އޮޕަރޭޝަނެއް ވެސް ކާމިޔާބެވެ. މި ރޮބަޓް އާންމުކޮށް ބޭނުންކުރަނީ ލޮލުގެ އޮޕަރޭޝަނާއި ކަކުލު ހުޅުގެ އިތުރުން ކިޑްނީ އޮޕަރޭޝަންތަކުގަ އެވެ.