ދެހާސް ސަތާރަ ވަނަ އަހަރު ޖަޕާނުގެ ކިޔޯޓޯގެ މަތިން ދިޔަ ގިނިހިލައިގެ ނުރައްކާ ދުނިޔެއަށް ކޮށްފާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ގިނހިލަތަށް ދަތުރު ކުރެ އެވެ. މި ގިނިހިލަތަށް ދަތުރު ކުރަނީ ދުނިޔެއިން ބޭރުގައި ކަމުގައި ވިޔަސް ބައެއް ފަހަރު ގިނިހިލަތައް ދަތުރުކުރާ މަންޒަރު ދުނިޔެއިން ފެނެ އެވެ.
މިގޮތަށް ފެންނާނީ އެންމެ ބޮޑެތި ގިނިހިލަތަކެވެ. އެއީ 2،000 ފޫޓު ނުވަތަ އެއަށްވުރެ ދިގު ގިނި ހިލަތަކެވެ. ޖައްވުގައި ދަތުރުކުރާ ގިނިހިލަތައް އެސްޓްރޮއިޑް ބެލްޓުން ކަހާލައިގެން ދުނިޔެއަށް ވެއްޓިފައި ވެސް އެބަހުއްޓެވެ. އެންމެ ގިނައިން ވެއްޓިފައިވަނީ ދެކުނު އެމެރިކާގެ ގައުމުތަކަށެވެ. އެއީ 100 ފޫޓަށްވުރެ ދިގު ނޫން ގިނިހިތަކެވެ.
ދުނިޔޭގެ ބޭރުން ކިޔޯޓާގެ މަތިން 2017 ވަނަ އަހަރު ދަތުރު ކޮށްފައިވަނީ 2،000 ފޫޓަށްވުރެ ދިގު އަދި ފުޅާ މިނުގައި 200 ފޫޓު ހުރި ބޮޑު އަލިފާން ގިނި ހިލައެކެވެ. މި ގިނިހިލަ ދަތުރު ކޮށްފައި ދިޔަ މަންޒަރު ކިޔޯޓޯގެ ގިނަ ބަޔަކަށް ވަނީ ފެނިފަ އެވެ. އޭރު އެއީ ގިނިހިލައެއްކަން ނޭގުނު ނަމަވެސް ފަހުން ކުރި ދިރާސާތަކުން އެއީ އަލިފާން ގިނިހިލައެއްކަން ދެނެގަނެވުނެވެ. މި ގިނިހިލައިގެ ފޮޓޯތަކަށް ބަލައިލުމުން ސިފަވަނީ ހުދުކުލައިން ދިއްފާއިވާ މަތިންދާ ބޯޓެއްހެންނެވެ. އެހެންވެފައި ވަނީ ހަނދުގެ އަލި ގިނހިލަ ދަތުރުކުރި ވަގުތު އެޅިފައިވާތީ އެވެ.
މި ގިނިހިލައިގެ ދިރާސާތައްކުރި ސޮނޯޓަކީ މީޓްރޯ ސާވޭގެ ރިސާޗަރުން ބުނީ އެ ބިޔަ ގިނިހިލަ މިހާރު އެސްޓްރޮއިޑް ބެލްޓުގެ ބެލެންސް ނެއްޓެން ފަށާފައިވާ ކަމަށެވެ. އެސްޓްރޮއިޑް ބެލްޓުން ގިނހިލަތައް ބެލެންސް ގެއްލޭނީ އެކަތި އަނެކެއްޗާ ޖެހި ދުރަށް ވިއްސައިގެން ނުވަތަ ކަހާލައިގެން ދިޔުމުންނެވެ. ނުވަތަ ޖައްވުގައި އުފެދޭ ތޫފާނެއްގެ ސަބަބުން ގިނިހިލައިގެ މިސްރާބު އޮޅިގެނެވެ.
އެސްޓްރޮއިޑް ބެލްޓުގައި އެންމެ ކުދި ގިނިހިލަތަކުން ފެށިގެން އެންމެ ބޮޑެތި ގިނިހިތަށް ވެސް ހިމެނެ އެވެ. މިފަދަ އެތަކެއް އެސްޓްރޮއިޑް ބެލްޓުތައް ޖައްވުގައި ހުރެ އެވެ. އެހެންކަމުން ގިނިހިލައިގެ ނުރައްކާ ދުނިޔެއަށް އަބަދުވެސް އޮވެ އެވެ.
ސޮނޮޓަކީ މީޓްރޯ ސާވޭގެ ދިރާސާއިން ދައްކާ ގޮތުން ކިޔޯޓޯގެ މަތިން ދަތުރުކުރި ގިނިހިލަ މިހާރު ވަނީ އެހެން ބޮޑު ގިނިހިލައަކާ ޖެހި މުޑިއަރާފަ އެވެ. ޖަޕާނުގެ މަތިން ފެނުނު ގިނިހިލައިގެ ބޮޑު މިނަކީ 2،012 ފޫޓުގެ ގިނިހިލަ އެކެވެ.
މި ގިނހިލަ މުޑި އަރާފައިވަނީ 2،345 ފޫޓުގެ ގިނިހިލައަކަށް ވުމުން ކިޔޯޓުގެ މަތިން ފެނުނު ގިނިހިލަ ފުޑުފުޑުވެ ދުނިޔެއާ ދިމާއަށް ދަތުރު ކުރުން އެކަށީގެންވެ އެވެ. ގިނިހިލައިގެ ބައިތައް ދަތުރު ކުރާނީ ދެކުނު އެމެރިކާގެ ގައުމުތަކަށް ބެލެވެ އެވެ. އިތުރަށް މައުލޫމާތު ދެމުން ސޮނޮޓަކީ މީޓްރޯ ސާވޭއިން ބުނީ މިއިން ކޮންމެ ގިނިހިލައެއްގެ ބައިގައި 100 ފޫޓު ހުރުން އެކަށީގެންވާ ކަމަށެވެ. އަދި ބިމަށް ދަތުރު ކުރާއިރު ގިނިހިލަ ގާ ނުވުމުގެ ސަބަބުން ގޮވުމެއް ގޮވައިފާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މި ދިރާސާއާ އެއްކޮޅަށް ރަޝިއާގެ ޖައްވީ އިދާރާއިންނާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އެއީ ދާދިފަހުން ވެސް މި ގިނިހިލަ ހިމެނޭ އެސްޓޮއިޑް ބެލްޓުގެ ފަސް ގިނިހިލައެއް ދުނިޔެ ކައިރިން ދަތުރު ކޮށްފައި ވުމުންނެވެ. ނަމަވެސް ނާސާއިން ގެންދަނީ މިކަން އިތުރަށް ބަލަމުންނެވެ.
ނާސާއިން ވެސް ލަފާކުރާ ގޮތުގައި ދުނިޔެ ކައިރިން ދަތުރުކުރާ ގިނިހިލަތަކުގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވާނެ އެވެ. އެއީ އެފަދަ ގިނިހިލަތަށް އެސްޓްރޮއިޑް ބެލްޓުން ވަކިވުމުގެ ސަބަބުން ދުނިޔެ ވަށާ ދަތުރު ކުރަމުންދާތީ އެވެ.