ސައިންސް

ހަނދަށް ދާން ޖަޕާނުން ވެސް އުޅަނދެއް ބަނދެފި

ދެހާސް އެކަވީސް ވަނަ އަހަރަކީ ޖައްވީ ރޭހުގައި އަލަށް ވާދަ ކުރާ ގައުމުތަކާއި މިހާރު ވެސް ރޭހުގެ ކުރީގައި އުޅޭ ގައުމުތަކަށް މުހިންމު އަހަރަކަށް ވެގެން ދާނެ އެވެ. އެ އަހަރު މާސް އަށާއި ހަނދަށް ދިޔުމުގެ ދަތުރު ހަ އުޅަނދަކުން ފަށާނެ އެވެ.

އެއީ ޗައިނާގެ ޖައްވީ އުޅަނދަކާއި، އިނގިރޭސިވިލާތުގެ އުޅަނދެއްގެ އިތުރުން އެމެރިކާގެ ޖައްވީ އިދާރާގެ އުޅަނދަކާއި އެ ގައުމުގެ ސްޕޭސް އެެކްސްއިން ޖައްވަށް ފޮނުވާ އުޅަނދެކެވެ. މީގެ އިތުރުން ޖަޕާނާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން ވެސް 2021 ވަނަ އަހަރު ޖައްވަށް އުޅަނދެއް ފޮނުވާނެ އެވެ. ނާސާއިން 2021 ވަނަ އަހަރު އިންސާނުން މާސްއަށް ފޮނުވާނެ ކަމަށް ވެސް ބުނަމުން ދެއެވެ.

ހުރިހާ ޖައްވީ އިދާރާތަކުގެ ތެރެއިން އެންމެ ޅަފަތުގައި އޮތީ ޖަޕާނުގެ ޖައްވީ އިދާރާ އެވެ. ޖަޕާނުން 2024 ވަނަ އަހަރު އެމެރިކާގެ އެހީގައި ހަނދަށް ދިޔުމުގެ ފުރުސަތު އޮތީ ލިބިފަ އެވެ. ނަމަވެސް ޖަޕާނުން ބޭނުންވަނީ އެ ގައުމުގެ އަމިއްލަ ބާރުގައި ހަނދަށް ދާށެވެ. އެހެން ކަމުން އެމެރިކާއާއެކު ހަނދަށް ދިޔުމުގެ މިޝަނަށް ޖަޕާނުން ނޫނެކޭ ބުނެފާނެ އެވެ.

ޖަޕާނުގެ ޖައްވީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި 2021 ވަނަ އަހަރާއި 2024 ވަނަ އަހަރަށް މިހާރު ތަވާލު ކޮށްފައިވަނީ ތަފާތު ދެ މިޝަނެކެވެ. އެކަމަކު އެއް މަގްސަދެކެވެ. އެއީ ހަނދަށް ދިޔުމެވެ. ހަނދަށް ދިޔުމަކީ ޖައްވީ ރޭހުގައި ލިބޭނެ އެންމެ ބޮޑު ޝަރަފެވެ.

ޓެކްނޮލޮޖީ ދާއިރާގައި ޖަޕާނަކީ އަދިވެސް ފަނޑުނުވާ ނަމަކެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ މިޝަނަށް ތައްޔާރު ވުމުގެ ގޮތުން ޖަޕާނުން ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ޖައްވީ އުޅަނދެއް ތައްޔާރުކޮށް ނިންމާފަ އެވެ. އެހެން ގައުމުތަކުން ޖައްވީ އުޅަނދުތައް ބަންނަން ކުރަން ދެ އަހަރާއި ތިން އަހަރު ނަގަ އެވެ. މީގެ އިތުރުން އުޅަނދު ޓެސްޓު ކުރަން އަށް މަސް ދުވަސް ހޭދަ ކުރެ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ޖަޕާނުން ބަނދެފައި ކޮށްފައިވަނީ "ޕްރިގްރިން ލޭންޑާ" ނަމަކަށް ކިޔާ އުޅަނދެކެވެ. މިއީ ހަނދުގެ ހުރިހާ ހިސާބަކަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންވާ އުޅަނދެކެވެ. ޖަޕާނަށް މި އުޅަނދު ތައްޔާރު ކުރެވުނު ކަމުގައި ވިޔަސް އުޅަނދު ހަނދަށް ފޮނުވާލުމުގެ ގާބިލްކަން އަދި ލިބިގެން ނުވެ އެވެ.

ޕްރިގްރިން ލޭންޑާ 2021 ވަނަ އަހަރު ހަނދަށް ފޮނުވާނީ ނާސާގެ ކޮމާޝަލް ލޫނާ ޕޭލޯޑް ސާވިސް ޕޮރްގްރާމްގެ ދަށުންނެވެ. މިއީ ނާސާއިން ކްރެޑިޓް ނުނަގާ އެހެން ގައުމުތަކަށް އެހީވުމުގެ ގޮތުން ހިންގަމުންދާ ޕްރޮގްރާމެކެވެ.

ޕްރިގްރިން ލޭންޑާ އަކީ ޖައްވުގެ ތެރެއަށް ވަނުމާއެކު މިސައިލެއްގެ ސިފައަށް ބަދަލުވާ ގޮތަށް ބަނދެފައިވާ އުޅަނދެކެވެ. އެހެންކަމުން މި އުޅަނދުގެ ދުވެލި 2021 ވަނަ އަހަރު ޖައްވަށް ފޮނުވާ އެހެން އުޅަނދުތަކަށް ވުރެ ބާރުވެފައި ހަލުއި ވާނެ އެވެ.

ޖަޕާނުގެ މި އުޅަނދު ހަނދަށް ދަތުރު ކުރާއިރު އިނގިރޭސިވިލާތުން ތައްޔާރުކުރި ޖައްވީ އުޅަނދު ސްޕޭސްބިޓް ނުވަތަ "ފޯ ލެގް ސްޕައިޑާ" ވެސް ހނދަށް ދާނެ އެވެ. މިއީ އިނގިރޭސިވިލާތުން ހަނދަށް ފޮނުވުމުގެ ގޮތުން ތައްޔާރުކުރި އެއް ކިލޯގެ ލުއި އުޅަނދެކެވެ.

ޖަޕާނުގެ ޖައްވީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ޕްރިގްރިން ވަނީ މިހާތަނަށް 100 ވުރެ ގިނަ ފަހަރު ޓެސްޓް ކޮށްފަ އެވެ. އެ ޓެސްޓުތަކުން ދައްކާ ގޮތުގައި ފަސް ކިލޯއަށް ވަރު ބަރު ނޫން އުޅަނދުތައް އުފުލުމުގެ ގާބިލްކަން ޕްރިގްރިން އަށް ލިބިގެންވެ އެވެ. މި އުޅަނދު އުފެއްދީ ބަރު ދަނުގައި ތިން ކިލޯ ހުންނަ އެއްޗެހި އުފުލޭ ގޮތަށެވެ. އުޅަނދު ހަނދަށް ކާމިޔާބު ކަމާއެކު ދަތުރު ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ޖަޕާނުގެ ޖައްވީ އިދާރާއިން ދެއެވެ.