ސައިންސް

ގިނިހިލައިގެ ސާމްޕަލާއެކު ހަޔާބުސާ ދުނިޔެއަށް

Nov 14, 2019

ފަޒާގައިވާ އެތަކެެއް މޭލު ބާރު މިނުގައި ދަތުރުކުރާ ގިނިހިލަތަކުގެ ސާމްޕަލްތައް ނެގުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ގިނިހިލަތައް ކޮންމެފަދަ ވަގުތަކު ވެސް މިސްރާބު ބަދަލުކޮށްފާނެތީ އާއި ސާމްޕަން ނަގަން ފޮނުވާ ޖައްވީ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ނުވާތީ އެވެ. ޖައްވީ އުޅަނދުތަކަށް ގިނިހިލައިގެ ސަބަބުން ލިބޭ ގެއްލުންތައް ޓެކްނޮލޮޖީގެ އެހީގައި ވަނީ ކުޑަ ކުރެވިފަ އެވެ. އެކެމަކުވެސް ރައްކާތެރިކަމާ މެދު އަބަދުވެސް ކަންބޮޑުވުން އޮވެ އެވެ.

ގިނިހިލަތަކަކީ އުޅަނދަށް އޮންނަ ނުރައްކަލަކަށްވުމުން ޖައްވީ އިދާރާތަކުން ގިނިހިލައިގެ ފޮޓޯތައް ނަގަނީ އެތައް ދުރު މިނެއްގައި ބާއްވާ ސެޓްލައިޓުތައް ބޭނުން ކޮށްގެންނެވެ. ގިނިހިލަ ދަތުރުކުރާ ސްޕީޑު ބާރުވުމުން ސެޓްލައިޓުތަކަށް ވެސް ގިނަ ފަހަރު ނެގެނީ ގިނިހިލައިގެ މަދު ފޮޓޯ އެކެވެ. އެންމެ މަޑުން ދަތުރުކުރާ ގިނިހިލަ ވެސް ދަތުރު ކުރަނީ ގަޑިއަކު 17،9 ކިލޯމީޓަރަށެވެ. މިއީ ޖައްވުގައި ނަމަ ވަރަށް ބާރު ސްޕީޑެކެވެ.

އެހެކަމުން ގިނިހިލަތަކުގެ ދިރާސާތައް ކުރުމަށް އުނދަގޫވެ އެވެ. މީގެ ދެ އަހަރު ކުރިން ގިނިހިލައިގެ ސާމްޕަލް ނަގަން ޖަޕާނުން ފޮނުވި ހަޔާބުސާ 2 މިހާރު ވަނީ ސާމްޕަލް ނެގުމަށްފަހު ދުނިޔެއަށް ދަތުރު ފަށާފަ އެވެ. ދެ އަހަރު ދުވަހުގެ މަސައްކަތުން ހާޔާބުސާ 2 އަކަށް ނެގިފައިވަނީ ވެސް ވަރަށް މަދު ސާމްޕަލެކެވެ. ދުނިޔެއަށް އައުމަށްޓަކައި ހަޔާބުސާ 2 ވަނީ މިހާރު އެސްޓްރޮއިޑް ބެލްޓުގެ އޯބިޓުން ބޭރުވެފަ އެވެ. އެހެންކަމުން ސާމްޕަލްތައް ރައްކާތެރި ކަމާއެކު ދުނިޔެއަށް ގެނެވުމުގެ އުއްމީދު ބޮޑެވެ.

ހަޔާބުސާ 2 ޖައްވުގައި ހޭދަކުރި ދެ އަހަރުން ނެގިފައި ވަނީ އެންމެ ގިނިހިލައެއްގެ ސާމްޕަލެކެވެ. އެއީ ރިޔުގޫ ނަމަކަށް ކިޔާ ގިނިހިލަ އެކެވެ. އެ ގިނިހިލައިގެ ބޮޑު މިނަކީ 900 މީޓަރެވެ. ސާމްޕަލާއެކު ހަޔާބުސާ 2 އަކަށް ދުނިޔެއަށް އާދެވޭނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.

ޖަޕާނުގެ ޖައްވީ އިދާރާއިން، ހަޔާބުސާ 2 ފޮނުވާލީ މިޝަން ކާމިޔާބުވާނެ ކަމުގެ އުއްމީދެއް ނެތި އެވެ. އެއީ މީގެ ކުރިން ގިނިހިލައިން ސާމްޕަލް ނަގަން ކުރިއަށް ގެންދިޔަ މިޝަން ފެއިލް ވުމުންނެވެ. މި އުޅަނދުގެ ދުވެލީގެ ބާރު މިނަކީ ގަނޑިއަކު 41.7 ކިލޯމީޓަރެވެ. މި ދުވެލީގެ ސަބަބުން އެސްޓްރޮއިޑް ބެލްޓުގެ ތެރެއިން އުޅަނދު ސަލާމަތް ކުރުމަށް ޖަޕާނުގެ ސައިންސްވެރިންނަށް ވަރަށް ބޮޑަށް އުނދަގޫވި އެވެ.

ޖަޕާނުގެ ޖައްވީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ގިނިހިލައިގެ ސާމްޕަލްތަށް ދިރާސާ ކުރުމުން ސޯލާ ސިސްޓަމްގެ ހަގީގަތްތަކެއް އެގިގެންދާނެ އެވެ. އަދި ޖައްވުގައި އެހާ ގިނަ އަދަދަކަށް ގިނިހިލަތަށް އުފެދޭން ދިމާވި ސަބަބުގެ އިތުރުން އަލިފާން ގިނިހިލަތައް އުފެދެން ދިމާވި ސަބަބު އެނގޭނެ އެވެ.