ކުށެއް ކޮށްފައިވާ މީހަކާމެދު މި ސަރުކާރުން އަމަލު ކުރާނީ އިންސާފުވެރިކޮށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެށުނީއްސުރެ ވަކާލާތު ކުރަމުން އައި އުސޫލު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ކުށްކުރާ މީހާއާމެދު އަމަލު ކުރާނީ އިންސާފުވެރިކޮށް ކަމަށެވެ. އަދި ބަންދު ކުރަންޖެހޭ މީހުން އިންސާފުގެ ތެރެއިން ބަންދު ކުރެވޭނެ ކަމަށެވެ.
އިމްރާން މިގޮތަށް ވިދާޅުވެފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި ދެ ފުލުހަކު ހައްޔަރު ނުކުރުމުން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ.
އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުންނާ ދެކޮޅަށް ހެއްކެއް ނެތް ކަމަށާއި އެހެން ކަމުން އެ މީހުން ހައްޔަރު ކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކޮށްފައި ނުވާތީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އެދިވަޑައިގެންފަ އެވެ.
ފުލުހުން ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭ ވަރަށް ހެއްކެއް ނެތް ކަމަށްބުނެފަ އެވެ. އަދި އެދެމީހުން ހައްޔަރު ކުރުމުގެ އަމުރަކަށް މަރުތައް ބަލާ ރިޔާސީ ކޮމިޝަންއަށް އެދެވޭނެ ކަމަށެވެ.