ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މަންމަ ގެ އަތް ދަބަސް މަގުމަތިން ފޭރިގެންފި އެވެ.
އޭނާގެ އަތް ދަބަސް ފޭރިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭ މަގުމަތިންނެވެ. ދަބަސް ފޭރިގަތީ މަހުލޫފްގެ މަންމަ، އިހްސާން ފިހާރައިން ބަޒާރުކޮށްގެން ނުކުތް ތަނާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަތް ދަބަސް ފޭރިގެންފައިވަނީ ސައިކަލްގައި ދިޔަ ދެ މީހެއް ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ދެ މީހުން އަތުލައިގަނެވިފައެއް ނުވެ އެވެ.
އެ މައްސަލާގެ އިތުރުން ވެސް މިއަދު ހެނދުނު ފޭރުމުގެ އިތުރު މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވެ އެވެ. އެއީ ކަލާފާނު ސްކޫލް ކައިރިން އަންހެނެއްގެ އަތުގައި އޮތް ވޮލެޓެއް ފޭރިގަތް މައްސަލައެކެވެ. އެ ވޮލެޓް ވެސް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ މީހުންނެވެ. އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މާލޭގެ މަގުމަތިން އަތް ދަބަހާއި ފޯނު ފަދަ ތަކެތި ފޭރިގަންނަ މައްސަލަތައް މިފަހުން ފުލުހަށް ރިޕޯޓްކުރާ މިންވަރު އިތުރެވެ. އަދި އެފަދަ މައްސަލަތަކުގައި ފުލުހުން ވަރަށް އަވަހަށް ފިޔަވަޅު އަޅާފައިވެސް އެބަ ހުއްޓެވެ.