އުތުރު ކޮރެއާ

މަޝްވަރާތައް އޮއްވާ އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކޮށްފި

އުތުރު ކޮރެއާއިން ކުރިއަށް ގެންދާ މިސައިލް ޕްރޮގްރާމްގެ ސަބަބުން ދުނިޔެ ނުރައްކަލަކަށް ވެއްޓިފައިވާ ކަމަށް ބުނެ އެމެރިކާއިން އެޅި ފިޔަވަޅުތަކަށް ގޮތެއް ނިންމަން ދެ ގައުމު މަޝްވަރާ ކުރަން އެއްބަސްވެފައި ވަނިކޮށް އުތުރު ކޮރެއާއިން އަނެއްކާވެސް ދެ މިސައިލް ޓެސްޓްކޮށްފި އެވެ.

އުތުރު ކޮރެއާގެ މިސައިލް ޓެސްޓުގެ މައުލޫމާތު ދެމުން ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީގެ ޗީފް ވިދާޅުވީ، މިސައިލް ޓެސްޓް ކޮށްފައިވަނީ އުތުރު ކޮރެއާގެ ވެރިރަށުގެ ދެކުނުގައި ކަމަށެވެ. އަދި އެ ޓެސްޓްތައް ކޮށްފައިވަނީ އުތުރު ކޮރެއާގެ ކަނޑަށް ކަމަށްވެސް ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ޓެސްޓުކުރި މިސައިލް ކަނޑަށް ވެއްޓުމުގެ ކުރިން 330 ކިލޯމީޓަށް ދަތުރުކުރި އެވެ. މިއީ ކޮންކަހަލަ މިސައިލެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ. ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުނީ، އެއީ ކޮންކަހަލަ މިސައިލެއްތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޯން އުންގް ވަނީ ޑީމިލިޓަރައިޒޭޝަން ޒޯންގައި ބައްދަލު ކުރައްވާ އުތުރު ކޮރެއާގެ ނިއުކްލިއާ މިސައިލް ޕްރޮގްރާމާއި ބެހޭގޮތުން މަޝްވަރާ ކުރަން ނިންމާފަ އެވެ. މި ބައްދަލުވުމުގެ ތެރެއިން އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމާ ބެހޭގޮތުން މަޝްވަރާ ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

މިސައިލް ޓެސްޓާއެކު ޓްރަމްޕު މިހާރު ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެހެންކަމުން ކިމް އާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ބައްދަލުވުން ކެންސަލްވުން އެކަށީގެންވެ އެވެ. ނަމަވެސް އުތުރު ކޮރެއާއިން ބުނީ، މިސައިލް ޓެސްޓުތައް ކުރި ނަމަވެސް، އެމެރިކާއާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށެވެ. އެ ގައުމުން އިތުރަށް ބުނީ، ޓްރަމްޕާއެކު މަޝްވަރާ ކުރަން ހަމަޖެހިފައިވަނީ ނިއުކްލިއާ މިސައިލް ޓެސްޓުކުރުމާ ގުޅޭ ގޮތުން ކަމަށްވުމުން، އެ ގައުމުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ކުރާ ޓެސްޓުތަކަށް އެމެރިކާއިން ބަސް ނުބުނާނެ ކަމަށެވެ.