އިރާގު

އިރާނުން ތެޔޮ ގަތުން ނޫން ގޮތެއް ނެތް: އިރާގް

އިރާނު ތެޔޮ ގަނގެން ނޫނީ އިރާގަށް ބޭނުންވާ ކަރަންޓު ނުއުފެއްދޭނެ ކަމަށް ބުނެ އިރާގުގެ އިލެކްޓްރިސިޓީ މިނިސްޓަރު ލުއޭ އަލް ހަތީބް އަބޫދާބީގައި ކުރިއަށް ދިޔަ ވޯލްޑް އެނާޖީ ކޮންގްރެސްގައި ކަންބޮނޑުވުން ފާޅު ކުރައްވައިފި އެވެ.

ހަތީބު ވިދާޅުވީ، އިރާގުން އެ މީހުންގެ އަވަށްޓެރި ގައުމު ކަމަށްވާ އިރާނުން ތެޔޮ ގަތުން ހުއްޓާލީ އިރާނުގެ ތެލުގެ ވިޔަފާރިއަށް އަމާޒު ކޮށްގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ އަސަރު އިރާނަށް ކުރާއިރު މެދު އިރުމަތީގެ އެހެން ގައުމުތަކަށް ވެސް ކުރަމުންދާ ކަމަށެވެ.

ކަރަންޓު އުފައްދަން ބޭނުންވާ ތެޔޮ ނުލިބި، ކަރަންޓު އުފައްދާ މިންވަރު ދަށްވުމުގެ ސަބަބުން އަސާސީ ހިދުމަތްތަކުން އިރާގުގެ ރައްޔިތުން މަހުރޫމް ވެފައިވާ ކަމަށް ވެސް ހަތީބު ވަނީ ވިދާޅުވެފަ އެވެ. އިރާގުން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން އެ ގައުމުން އާންމުން ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. ކަރަންޓު ކެނޑުން އާންމު ކަމަކަށް ވެފައިވާއިރު އިރާގުގެ ގިނަ ހޮސްޕިޓަލްތަކުގައި މިހާރު އޮޕަރޭޝަން ކުރުން ވަނީ މަޑުޖައްސާލާފަ އެވެ.

ސައްދާމް ހުސައިނަށް ފަހު އިރާގަކީ މެދު އިރުމަތީ ގައުމުތަކުގެ ތެރެއިން އިޒްރޭލު ފިޔަވާ އެމެރިކާއިން އެންމެ ބޮޑު އެހީ ދޭ ގައުމެވެ. އެހެން ކަމުން އެމެރިކާގެ އެންގުންތަކަށް އިރާގުން ދަނީ އަބަދުވެސް އަމަލު ކުރަމުންނެވެ. ލުއޭ އަލް ހަތީބު އެނާޖީ ކޮންގްރެސްގައި ދެއްކެވި ވާހަކަތަށް ޖަވާބު ދިނުމުގެ ބަދަލުގައި އެމެރިކާއިން ކޮންގްރެސްގައި ބައިވެރިވި މީހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އޭގެ ބަދަލުގައި ދެއްކެވީ، އިރާންގެ ތެލުގެ ވިޔަފާރި ހަލާކުވަމުންދާތީ އާއި އެކަމުގެ ސަބަބުން ލިބޭ ފައިދާތަކުގެ ވާހަކަ އެވެ. އިރާނުގެ ތެލުގެ ވިޔަފާރިއަށް އެމެރިކާއިން ފިޔަވަޅު އެޅީ ނިއުކްލިއާ އެއްބަސްވުމާއި ހިލާފުވުމުންނެވެ. އެއްބަސްވުމަށް އަމަލު ކުރަން އިރާނުން ނިންމުމުން ވެސް އެމެރިކާއިން އިރާނަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައެއް ނުވެ އެވެ.