ހަބަރު

ޔާމީންގެ މަރު: ރިޕޯޓް ހެދި ފުލުހަށް މިއަދު ވެސް ގިނަ ސުވާލުތަކެއް

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ހިމެނޭ މީހުންގެ ވީޑިއޯ އެނާލިސިސް ރިޕޯޓްތަކެއް ހެދި ފުލުހާ ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ގިނަ ސުވާލުތަކެއް މިއަދު ޝަރީއަތުގައި ވެސް ކުރިމަތި ކުރުވައިފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅޭ ތަހުގީގަށް ފުލުހުންގެ އޮފިސަރެއް ކަމަށްވާ އާދަމް މުހައްމަދު ވަނީ ހަ ރިޕޯޓެއް އެކުލަވާލާފަ އެވެ. އެއީ މައްސަލާގައި ހިމެނޭ ހަ މީހުންގެ ފަސް މީހެއްގެ ސިފަތައް ފުލުހުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ މީހުންނާ ދިމާވާ ކަމަށް ބުނެ ހަދާފައިވާ ރިޕޯޓްތަކަކާއި ސައިކަލަކާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓެކެވެ.

މީގެ ތެރެއިން ކުރީ ދުވަހުގެ ޝަރީއަތުގައި ހެކި ބަސް ނަގައި ވާހަކަ ދައްކާފައިވަނީ ތިން ރިޕޯޓަކާއި ގުޅޭ ގޮތުންނެވެ. އެއީ އިސްމާއީލް ރަޝީދާއި ހައިޝަމް ރަޝީދާއި އަހުމަދު ޒިހާންގެ ރިޕޯޓަށެވެ. މިއަދުގެ ޝަރީއަތުގައި ހެކިބަސް ނަގާފައިވަނީ ދެރިޕޯޓަކަށެވެ. އެއީ ހަސަން ޝިފާޒާ މުހައްމަދު ދިފްރާންގެ ރިޕޯޓަށެވެ.

އެގޮތުން މިއަދުގެ ޝަރީއަތުގައި ދިފްރާންގެ ރިޕޯޓާއި ބެހޭ ގޮތުން ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އާދަމް މުހައްމަދު ބުނީ އެ ރިޕޯޓްގައިވާ ގޮތުން ވީޑިއޯއިން ފެންނަ ދިފްރާން ކަމަށް ތުހުމަތުވާ މީހާ އާއި ދިފްރާންގެ އެއްގޮތް ފަސް ސިފައެއްވެ އެވެ. އޭގެ ތެރޭގައި ހަށިގަނޑު ބައްޓަމާއި ރޫފަ، މަތިމަހާއި ތުނބުޅި އަދި ބޮލުގެ އިސްތަށިގަނޑު ހިމެނޭ ކަމަށެވެ.

ދިފްރާންގެ ވަކީލް ވަނީ އެކަމާ ގުޅިގެން ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. ދިފްރާންގެ ވަކީލް ވިޝާމް ވަނީ ވީޑިއޯތައް އެންހޭންސް ކުރަން ބޭނުންކުރި ސޮފްޓްވެއާއާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. އެގޮތުން އެސޮފްޓްވެއާއިން އެންހޭންސްތޯ ނުވަތަ އިތުރު ކަންކަން ކުރެވޭތޯ ސުވާލުކޮށްފަ އެވެ. އޭނާ އެގޮތަށް ސުވާލުކޮށްފައިވަނީ ރިޕޯޓްގައި އެނަލައިޒް ކުރަން ބޭނުންކުރި ކަމަށް ބުނެފައިވާތީ އެވެ.

އެއަށް ޖަވާބުދެމުން އާދަމް ބުނީ، އެސޮފްޓްވެއާ އަކީ ހަމައެކަނި އެންހޭންސް ކުރުމަށް ބޭނުން ކުރާ ސޮފްޓްވެއާއެއް ކަމަށެވެ. އެނަލައިޒް ކުރުމަކީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ވިޝާމްގެ އިތުރު ސުވާލުތަކެއް އަމާޒުކުރީ އެ ރިޕޯޓްގައި ތަހުލީލް ކޮށްފައިވާ ވީޑިއޯތަކުގެ ތާރީހު ނެތުމުންނެވެ. އެއީ ކޮން ދުވަހެއްގެ ކޮން ތާރީހުތަކެއްގައި ނަގާފައިވާ ވީޑިއޯތަކެއްތޯ ސުވާލު ކުރި އެވެ. އެކަމަށް ޖަވާބުދެމުން އާދަމް ބުނީ އެއީ އައިއޯ އިން ހަވާލުކުރި ވީޑިއޯތަކެއް ކަމަށާއި އެއީ ކޮން ތާރީހެއްގެ ވީޑިއޯ ތަކެއްކަން ބުނަން ނޭންގޭ ކަމަށެވެ. އޭގައި އެވަނީ އެވީޑިއޯތަކުގެ ސްނެޕްޝޮޓްތަކުގެ ގަޑިތައް ކަމަށެވެ.

ވިޝާމް ވަނީ އަޅާ ކިޔާފައިވާ ސިފަތަކާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އެގޮތުން އޭނާގެ ބައްޓަމާއި އެއްގޮތް އެހެން މީހަކު ހުރެދާނެތޯ އާއި އެސިފަތައް ދިމާވާ އެހެން މީހަކު ހުރެދާނެތޯ ވަނީ ސުވާލުކޮށްފަ އެވެ. ވިޝާމް ބުނީ އެސިފަތައް ދިމާވާ އިތުރު މީހަކު ހުރެދާނެ ކަމަށެވެ. ނަމަވެސް ވީޑިއޯގައި ފެންނަ ފަރާތުގެ ސިފަތަކާއި ދިފްރާންގެ ސިފަތައް އެއް ވައްތަރު ކަމަށެވެ.

ވިޝާމްގެ އިތުރު ސުވާލަކަށްވީ އެކަން ކުރަން ހަވާލު ކުރި ގޮތެވެ. އާދަމް އައިއޯ އިން ހުށަހެޅީ އެވީޑިއޯގައި ފެންނަ ފަރާތަކީ ދިފްރާންތޯ ޗެކް ކުރުމަށް ކަމަށެވެ. އެއާއެކު ވިޝާމް ވަނީ އަޅާ ކިޔަން ދިފްރާންގެ ފޮޓޯ ލިބިފައިވަނީ ކިހިނަކުންތޯ ސުވާލުކޮށްފަ އެވެ. އާދަމް ބުނީ އެއީ ތަހުގީގް ތަކުން ލިބިފައިވާ ކަންކަމަށް ބަލާފައި އައިއޯ އިން ހުށަހަޅާފައިވާ ކަންކަން އެނަލައިޒް ކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

ދިފްރާންގެ ރިޕޯޓަށްފަހު ދެން ހުށަހަޅާފައިވަނީ ޝިފާޒްގެ ރިޕޯޓެވެ. އެގޮތުން ދައުލަތުން ވަނީ އެއީ އޭނާ ހަދާފައިވާ ރިޕޯޓެއްތޯ އާއި އޭގައި ފެންނަ ފަރާތަކީ ޝިފާޒްތޯ ސުވާލުކޮށްފަ އެވެ. އެއަށް ޖަވާބުދެމުން އާދަމް ބުނީ އެ ރިޕޯޓްގައިވާ ގޮތުން ވީޑިއޯއިން ފެންނަ ޝިފާޒް ކަމަށް ތުހުމަތުވާ މީހާ އާއި ޝިފާޒްގެ އެއްގޮތް ފަސް ސިފައެއްވާ ކަމަށެވެ. އޭގެ ތެރޭގައި ހަށިގަނޑު ބައްޓަމާއި މަތިމަހާއި ތުނބުޅި އަދި ބޮލުގެ އިސްތަށިގަނޑު ހިމެނޭ ކަމަށެވެ.

ޝިފާޒްގެ ވަކީލް ހުސްނީ މުބާރަކްވެސް ވަނީ އާދަމް އަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން މީގެ ކުރިން ޝިފާޒް އިނގޭތޯ އާއި އޭނާއާ ވީޑިއޯގައިވާ ފަރާތް އަޅާ ކިޔާފައިވަނީ ކިހިނެތް ކޮން ގޮތަކުންތޯ ސުވާލުކޮށްފަ އެވެ.

އާދަމް ބުނީ އޭނާ އަޅާކިޔާފައިވަނީ ޕޮލިސް ހެޑް ކުއާޓާގައި އޭނާ ނަގާފައިވާ ފޮޓޯ އާއި ވީޑިއޯގައި ފެންނަ ފަރާތާއި އަޅާ ކިޔުމަށްފަހު އެވެ. ހުސްނީ މުބާރަކު ވަނީ ފޮޓޯ ނެގުމުގެ ކުރިން އެއީ ޝިފާޒްކަން އެނގުނު ގޮތެއް ސާފުކޮށްދިނުމަށެވެ. އެގޮތުން އާދަމް ބުނީ އެއީ އައިއޯ ހުށަހެޅި ގޮތަށް ޝިފާޒްކަން ޔަގީން ކުރަން ކުރި ތަހުލީލެއް ކަމަށާއި އެއީ ޝިފާޒްކަން އައިއޯ އިން ހޯދާފައިވަނީ ތަހުގީގުން ކަމަށް ބެލެވޭ ކަމަށެވެ.

ހުސްނީ މުބާރަކު ވަނީ ސިފަތައް އަޅާކިޔާފައިވާއިރު ދެމަސް ފަހުން ނެގި ފޮޓޯއަކާއި އަޅާކީއިރު އެއްވެސް ބަދަލެއް އައިސްފައިނުވާނެތޯ ސުވާލުކޮށްފަ އެވެ. އަދި އެއީ ޝިފާޒްކަން ޔަގީންވަނީ ކިހާ މިންވަރަކަށްތޯ ސުވާލުކޮށްފަ އެވެ/ އެސުވާލުތަކަށް އާދަމް ދިނީ ތަކުރާރުކޮށް އެއް ޖަވާބެކެވެ. އެއީ އޭގައިވާ ފަރާތަކީ ޝިފާޒް ކަމަށެވެ. އެއާއެކު ހުސްނީ ވަނީ 100 ޕަސެންޓް ޔަގީންތޯ ސުވާލުކޮށްފަ އެވެ. އާދަމް ވަނީ އެއީ 100 ޕަސެންޓް އޭނާ ކަމަށެވެ.

ހުސްނީ ވަނީ އޭނާގެ ތުނބުޅިއަށް ދެމަސް ދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައިވޭތޯ އާއި އެބަދަލުތަކާއެކުވެސް އެއީ ޝިފާޒްކަން ޔަގީންތޯ އެވެ. އާދަމް ބުނީ ތުނބުޅި އާއި ބޮލުގެ ދިގުމިނަށް ނުބަލާ ކަމަށާއި ބަލަނީ ފަޅާފައިވާ ގޮތާއި ބައްޓަމަށް ކަމަށެވެ.

ހުސްނީގެ ސުވާލުތައް ދެން އަމާޒުކޮށްފައިވަނީ އެނަލައިޒް ކުރަން ވީޑިއޯގައިވާ ގޮތަށް މޫނު ފޮރުވައިގެންނާއި އެވީޑިއޯތަކުގައިވާ ތަންތަނުގައި ފޮޓޯ ނަގާފައިވާނެތޯ އެވެ. އާދަމް ބުނީ ހަމައެކަނި ފޮޓޯ ނަގާފައިވަނީ ޕޮލިސް ހެޑްކުއާޓާގައި އެކަނި ކަމަށެވެ.

މިއަދު ވަނީ އިތުރު ރިޕޯޓެއްގެ ހެކިބަސް ނެގުމަށްވެސް ނިންފާ އެވެ. އެއީ ސައިކަލަކާއި ގުޅޭ ގޮތުންނެވެ. ނަމަވެސް ދިފާއުން ގިނަ ސުވާލުތަކެއް ވަނީ ދައުލަތަށް ކުރިމަތިކޮށްފަ އެވެ. އެގޮތުން އެވީޑިއޯ ރިޕޯޓަކީ އެންމެންނާއި ގުޅޭ ރިޕޯޓެއްތޯ އެވެ. ދައުލަތުން ބުނީ އެއީ ޝިފާޒް އާއި ދިފްރާން ދުއްވި ސައިކަލްކަން ޔަގީން ކުރުމަށް ހަދާފައިވާ އެނަލައިޒް އެއް ކަމަށެވެ.

އެއާއެކު ދިފާއީ ވަކީލުން ވަނީ މީގެ ކުރިން އެސައިކަލްގެ އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށެވެ. އަދި ދައުލަތުން އެންމެންނާއި ގުޅުވާފައި އެރިޕޯޓް ހުށަހަޅާފައިވަނީ ކީއްވެތީ ސުވާލުކޮށްފަ އެވެ. ދައުލަތުން އެދުނީ އެކަންކަން ސާފު ކުރުމަށްފަހު އަންނަ ޝަރީއަތެއްގައި އެކަމާމެދު ހެކިބަސް ނެގުމަށެވެ.

މިއަދުގެ ޝަރީއަތް މައްސަލަ ބައްލަވާ ގާޒީ ނިންމަވާލެއްވީ އަންނަ އަންގާރަ ދުވަހު އިތުރު ޝަރީއަތެއް ބާއްވާނެކަން އިއުލާން ކުރުމަށްފަހު އެވެ. އެދުވަހުގެ ޝަރީއަތުގައި ސިއްރު ފަސް ހެކިވެރިއެއްގެ ހެކިބަސް ނަގަން ވަނީ ނިންމާފަ އެވެ.