ޓެކްނޯލޮޖީ

ޓްރެފިކް ބަލަހައްޓަން އާޓިފިޝަލް އިންޓެލިޖެންސް!

މިހާރު ކޮންމެ އެއްޗެއް އުފެއްދިޔަސް އެ އެއްޗެއްގައި ދަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރަމުންނެވެ. އެއް ސަބަބަކީ އާޓިފިޝަލް އިންޓެލިޖެންސް ފައްކާ ކުރެވިފައިވާ މިންވަރު މޮޅުވުމެވެ. އަނެއް ސަބަބަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރުމުން ހިޔުމަން ކެޕިޓަލް މަދުވުމުވެ. ދެގޮތުން ފައިދާ ވަނީ އެއްޗެއް އުފައްދާ ބަޔަކަށް ނުވަތަ ކުންފުންޏަކަށެވެ. ޓްރެފިކުގައި ޖެހުމަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ހިނގާ ކަމެކެވެ. ޓްރެފިކް ކޮންޓްރޯލް ކުރުމަށާ، ގަވައިދާ ހިލާފުވާ މީހުނަށް ފިޔަވަޅު އެޅުމަކީ ފުލުހުން ކޮންމެހެން ވެސް ކުރަން ޖެހިފައި އޮންނަ ކަމެކެވެ.

ޓެކްނޮޖީ ކުރިއަރާ ވަރަކަށް އިންސާނުންނަށް އޭގެ ފަސޭހަތައް ލިބެއެވެ. ޔަގީނުން ވެސް އަބަދާއަބަދު ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ،މަގަށް ނުކުންނަން ނުޖެހޭނަމަ އެއީ އެމީހުނަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.

ރަޝިއާގެ ޗެލިއާބިންސްކުގެ ޔުނިވާސިޓީއެއް ކަމަށްވާ ސައުތް ޔޫރަލް ޔުނިވާސިޓީގެ ސައިންސްވެރިން މިހާރު ވަނީ އާޓިފިޝަލް އިންޓެލިޖެންސުގެ އެހީގައި ޓްރެފިކް ބަލަހައްޓައި ގަވާއިދާ ހިލާފުވާ މީހުން ދެނެގަންނާނެ ގޮތް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތުގެ ޑްރާފްޓެއް ވެސް ޔުނިވާސިޓީން ވަނީ ހަދާފަ އެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ގާއިމްކުރާ ނެޓްވޯކުގެ އެހީގައި ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުން ދެނެގަންނާނީ އެކަމަށް ހާއްސަކޮށް ތައްޔާރުކުރާ ކެމެރާއަކުންނެވެ. ކެމެރާއިން ދައްކުވައިދޭ މަންޒަރު ބަލަން ފުލުހުން ތިބޭކަށް ނުޖެހޭނެ އެވެ. އެ ނެޓްވޯކަށް ހުންނާނީ ހުރިހާ މީހުންގެ މައުލޫމާތު އަޅާފައި ކަމަށް ވުމުން، ވަގުތުން އެމީހެއްގެ މައުލޫމާތު، އެ މީހާ ކުރި ކުށަކާއެކު އެންމެ ކައިރިން ޕެޓްރޯލް ކުރަމުންދާ ފުލުހުންނަށާއި ފުލުސް އޮފީހަށް އަންގާނެ އެވެ.

ތޮއް ޖެހުން ހުއްޓުވުގެ ގޮތުން ސައިންސްވެރިން ގާއިމްކުރާ އާޓިފިޝަލް ނެޓްވޯކް އިންސްޓޯލް ކޮށްފައި ހުންނާނީ އުޅަނދުތަކަށެވެ. މިކަން ވަރަށް ފަސޭހައިން ކުރެވެން ހުންނާނެ އެވެ.

މި ނެޓްވޯކަށް ބޭނުންވާ މައުލޫމާތު ސައިންސްވެރިން އެއްކުރީ ފުލުހުންނާއި ގުޅިގެން ފަސް އަހަރު ދުވަހު އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާ ކޮށްގެންނެވެ. މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ބޮޑަށް ރަޝިއާގެ ޓްރެފިކް ތޮއް ޖެހޭ ވަގުތާއި، އާންމު ގޮތެއްގައި އުޅަނދު ދުއްވާފައިދާ ސްޕީޑަށް ބަލައިގެންނެވެ. ރަޝިއާގެ ފުލުހުންނާއި ޓްރާންސްޕޯޓުން މިނިސްޓްރީން ބުނާ ގޮތުގައި މި ނެޓްވޯކް ވަރަށް "އެކިއުރޭޓް' ވާނެ އެވެ. އަދި ރަޝިއާގެ ޓްރެފިކް ތޮއް ޖެހުމަށާއި، މަގުމަތީ ހިނގާ ކުށްތަށް ނެޓްވޯކުގެ ސަބަބުން ބޮޑުތަނުން މަދުވެގެން ދާނެ އެވެ.

ޓްރެފިކް ބެލެހެއްޓުމަށް ތައްޔާރުކުރާ ނެޓްވޯކް މަސައްކަތް ކުރާ ގޮތަކީ، އުޅަނދު ދުއްވަން ވީ ސްޕީޑް ލިމިޓު ބުނެދިނުމާއި، ދަތުތުކުރާ ވަގުތު އެންމެ ބާރު ކުޑަ މަގުން ދަތުރު ކުރުމަށް އިރުޝާދު ދިނުމެވެ. މީގެ އިތުރުން އުޅަނދު ދުއްވާފައި ދާއިރު ގޯޅިއަކުން އެހެން އުޅަނދެއް އަންނަށް ކަމަށްވާނަ އެ މައުލޫމާތުދީ ކަންކުރަވީ ގޮތުގެ އިރުޝާދު އުޅަނދުގައި ހަރުކުރާ ފަސް އިންޗީގެ ޑިސްޕްލޭއަކުން ކިޔައިދޭނެ އެވެ.

ރަޝިއާގެ މިލިއަނެއްހާ އާބާދީ އޮންނަ ސަރަހެއްދެގައި މި ނެޓްވޯކް ވަނީ ހަތް މަސް ވަންދެން ޓެސްޓްކޮށްފަ އެވެ. އޭގެ ހިސާބުތަކަށް ބަލާއިރު އާޓިފިޝަލް ޓްރެފިކް ނެޓްވޯކް ފުލުހުން ބަލަހައްޓާ ޓްރެފިކަށްވުރެ މާ ރަނގަޅެވެ. އެ ނެޓްވޯކް ޓެސްޓްކުރި ސަރަހައްދަކީ ޓްރެފިކާއި ގުޅޭ އެތައް މައްސަލައެއް ކޮންމެ ދުވަހަކު ހުށަހަޅާ ސަރަހައްދެކެވެ.

އެކަމަކު އާޓިފިޝަލް ނެޓްވޯކުން ޓްރެފިކް ބަލަހައްޓަން ފެށުމުން ދުވާލަކު ހުށަހަޅާފައިވަނީ ފަހެއް ނުވަތަ އަށް މައްސަލަ އެވެ. ނެޓްވޯކް މެދުވެރިކޮށް ޓްރެފިކް ބެލެހެއްޓިއިރު ފުލުހުން އެއްވެސް ވަރަކަށް ހަރަކާތްތެރިއެއް ނުވެ އެވެ.

ސައުތް ޔޫރަލް ޔުނިވާސިޓީން މިހާރު މަސައްކަތް ކުރަނީ ވެރިރަށް މޮސްކޯގައި އެމީހުންގެ ނެޓްވޯކުތައް ޓެސްޓު ކުރުމަށެވެ. ރަޝިއާގެ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީން ޔުނިވާސިޓީގެ މަސައްކަތަށް ދޭ އެއްބާރުލުން ފާހަގަކޮށް އެ ޔުނިވާސިޓީން ބުނީ، ޔުނިވާސިޓީން މަސައްކަތް ކުރަނީ ކޮންމެ ދުވަހަކު ފުލުހުން އުފުލަން ޖެހިފައިވާ ތަކުލީފަކުން ސަލާމަތް ކޮށްދިނުމަށް ކަމަށެވެ.