ރަޝިއާގެ އެންޓިޓްރަސްޓް އިދާރާތަކުން އެޕަލް 12 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ. އެޕަލް މިފަހަރު ޖޫރިމަނާ ކޮށްފައި ވަނީ ކެސްޕާސްކީން ހުށަހެޅި މައްސަލެއްގަ އެވެ.
އެޕަލްއިން ވަނީ ނާޖާއިޒު ގޮތުގައި ކުންފުނީގެ ހައިސިއްޔަތު ބޭނުން ހިފާފަ އެވެ. އެޕަލް އަކީ ބިޔަ ކުންފުންޏެކެވެ. ތަނަވަސް ކުންފުންޏެކެވެ. އެޕަލްގެ ޑިވައިސްތަކަށް މީހުން ބޭނުން ޖެހިފައި އޮންނާތީ އެ ހައިސިއްޔަތުން އެޕަލް ވަނީ ފައިދާ ހޯދާފަ އެވެ.
އެޕަލްގެ ޑިވައިސްތަކުގައި، އަައިއޯއެސް ސިސްޓަމްގައި އެޕަލްއިން ހުއްދަ ދިނުމުން މެނުވީ ޑިވެލޮޕަރުންނަށް އެޕްލިކޭޝަނެއް ނުހިންގެ އެވެ. އެޕަލްއަށް ވަފާތެތި ބަޔަކަށް ފުރުސަތު ދިނުމާއި އެޕަލްގެ އެޕްލިކޭޝަންތަކަށް އިސްކަން ދިނުމަކީ ވިޔަފާރީގައި އެޕަލްއިން ހަދާ މަކަރެކެވެ. އައިއޯއެސް ޑިވައިސްތަކަށް ތާޑް ޕާޓީ ކުންފުނިތަކަށް / ޑިވެލޮޕަރުންނަށް ފުރުސަތު ގެއްލުވާލުމަކީ ވެސް އެޕަލްއިން ކޮށްއުޅޭ ކަމެކެވެ.
ކެސްޕާސްކީ ބުނެފައި ވަނީ އެމީހުންގެ "ސޭފް ކިޑްސް – ޕޭރެންޓަލް ކޮންޓްރޯލް" އެޕްލިކޭޝަނަށް ހުރި ބައެއް އަޕްޑޭޓްތައް އެޕަލްއިން ބްލޮކް ކޮށްފައިވާ ކަމަށެވެ. އޭގެ ބަދަލުގައި އެފެންވަރުގެ އެހެން އެޕްލިކޭޝަނަކަށް – ސްކްރީން ޓައިމް އަށް ފުރުސަތު ދީފައިވާ ކަމަށެވެ.
އެޕަލްއިން ވަނީ ޖޫރިމަނާ ދައްކަން ދެކޮޅު ހަދާފަ އެވެ. އަދި ބުނީ ކެސްޕާސްކީ އެޕްލިކޭޝަންތަކަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ. އެހެންވެ ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.