ދުނިޔެ

ރަޝިއާއިން ބުނީ ޓްވީޓާ ބްލޮކްކުރަން ޖެހިދާނެ ކަމަށް

ރަޝިއާގައި ހިދުމަތް ދިނުމަށް ސޯޝަލް ނެޓްވޯކްތަކުން އެގައުމުގެ ގާނޫނަށް ތަބާވާން ޖެހެ އެވެ. އެނޫން ގޮތެއްގައި ޚިދުމަތްތަކަށް ބުރޫއަރުވާލުން ނުވަތަ ހުއްޓުވާލުމުގެ ބާރު ރެގިއުލޭޓަރުންނަށް ލިބިފައި އޮވެ އެވެ.

ރަޝިއާގައި މިހާރު މައްސަލައަކަށް ވެގެން އުޅެނީ ޓްވިޓާ ބޭނުން ކުރުން މާބޮޑަށް ލަސްވުމެވެ. މިއީ ސަރުކާރުން ޓްވީޓާއަށް އަންގާފައިވާ އެންގުމަށް އަމަލު ކޮށްފައި ނުވާތީ ޓްވީޓާ ބޭނުންކުރާ މީހުންނަށް ކުރަންޖެހިފައިވާ ތަޖުރިބާއެކެވެ. އެ ގައުމުން ބުނީ ގާނޫނާ ޚިލާފު ކޮންޓެންޓްތަކެއް ޓްވީޓާއިން ނެގުމަށް 2017 ގައި ވެސް އެދިފައިވާނެ ކަމަށެވެ. އަދިވެސް އެކަންކޮށްފައި ނުވާ ކަމަށެވެ.

ރަޝިއާގައި މީޑިއާއަށް ފާރަވެރިވެ ބެލެހެއްޓުން ހަވާލުވެފައިވާ އިދާރާއަކީ "ފެޑެރަލް ސާވިސް ފޮ ސުޕާވިޝަން އޮފް ކޮމިއުނިކޭޝަންސް،، އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް މާސް މީޑިއާ" ނުވަތަ ރޮސްކޮމްނެޑްޒާ އެވެ.

ރޮސްކޮމްނެޑްޒާއިން މާޗް 10 ގައި ޓްވީޓާއާ ދެކޮޅަށް ފިޔަވަޅުއަޅަން ފަށައިފި އެވެ. އެގޮތުން އެޅީ ފުރަތަމަ ފިޔަވަޅަކީ މޮބައިލް ޑިވައިސްތަކުގައި ޓްވީޓާ ބޭނުން ކުރުން ލަސް ކުރުވުމެވެ. އަދި ޑެސްކްޓޮޕް ކޮމްޕިއުޓަރުތައް ބޭނުންު ކުރާ 50 ޕަސެންޓް މީހުންނަށް ޓްވީޓާ ބޭނުންކުން ފަސޭހައެއް ނުވާނެ އެވެ.

ޓްވީޓާއިން ނަގައިދިނުމަށް ރަޝިއާއިން އެދިފައިވާ ޕޯސްޓްތަކުގެ ތެރޭގައި އަމިއްލައަށް މަރުވުން އަދި އަމިއްލައަށް މަރުވާން ދަސް ކޮށްދިނުން ކުޑަކުދިންނާ ގުޅުންހުރި އަހުލާގީ ލިޔުންތައް އަދި ޑްރަގް އުފައްދައި ބޭނުން ކުރާނެ ގޮތްފޮތް ހިމެނެ އެވެ.

ސޯޝަލް ނެޓްވޯކްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށްޓަކައި ރަޝިއާއިން މިދާކަށް ދުވަހު ގާނޫނެއް ފާސްކުރި އެވެ. ޓްވީޓާ، ފޭސްބުކް އަދި ޓިކްޓޮކް ފަދަ ސޯޝަލް ޕްލެޓްފޯމްތަކާ ދެކޮޅަށް ރެގިއުލޭޓަރުންނަށް ބާރުލިބޭ ހިސާބަކީ މިއީ އެެވެ.

ރަޝިއާއިން ބުނީ ޓްވީޓާ ސްލޯކުރުވީ ވިސްނައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ބުނީ ޓްވީޓާއާ އެކު މަޝްވަރާ ކުރަން ބޭނުން ކަމަށާއި ކުރިއަށް ދެވެން ނެތް ނަމަ އޮތް ގޮތަކީ ޓްވީޓާ ބްލޮކް ކުރުން ކަމަށެވެ.