އިޒްރޭލް

އިންތިހާބު ނެގިއްޖެނަމަ ޖޯޑަން ވަލޭ އިޒްރޭލްގެ ބަޔަކަށް ހަދާނަން: ނަތަންޔާހޫ

އިޒްރޭލުގައި އަންނަ އަންގާރަ ދުވަހު ބާއްވާ އާންމު އިންތިހާބު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިސްބަތްވާ ޕާޓީން ކާމިޔާބު ކޮށްފިނަމަ، ޖޯޑަން ވެލޭއަކީ އިޒްރޭލު ބަޔަކަށް ހަދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އާންމު އިންތިހާބާ ބެހޭގޮތުން އިޒްރޭލުގެ ޓީވީ ސްޓޭޝަނަކަށް މައުލޫމާތު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ، އޭނާގެ ބޮޑުވަޒީރު ކަމުގެ ދައުރު އިތުރު ކުރެވެން އޮތީ މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްގެން ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ޖޯޑަން ވަލޭ އާއި ޑެޑްސީ އިޒްރޭލުގެ ބާރު ހިނގާ ސަރަހައްދަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ.

އިޒްރޭލުން ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އަރައިގެންފައި ވަނީ 1967 ގައެވެ. ނަމަވެސް އެއީ ސީދާގެ އިޒްރޭލުގެ އިސްތިގުލާލުގެ ދަށުގައި އޮތް ތަނެއް ކަމަށް އިއުލާނު ކޮށްފައެއް ނުވެ އެވެ.

"އިންތިހާބު ކާމިޔާބު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ޖޯޑަން ވަލޭ އާއި ޑެޑްސީ އިޒްރޭލުގެ އިހްތިސޯސްގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރުން" ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ އިޒްރޭލުގެ ބަޔަކަށް ހަދަން އުޅޭ ޖޯޑަން ވެލޭއަކީ 65،000 ވުރެ ގިނަ ޕަލަސްތީނު ރައްޔިތުން، އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އުޅެމުންދާ ހިސާބެކެވެ. މި ސަރަހައްދަށް ބާރު ފޯރުވާ ވާހަކަ ނަތަންޔާހޫ ދެއްކެވެމުން، މެދު އިރުމަތީގެ ގިނަ ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދާ އިޒްރޭލު ގެންގުޅޭ ވެރިވެގަތުގެ ސިޔާސަތު ދޫކޮށްލަން ގޮވާލާފަ އެވެ.

ޖޯޑަން ވެލޭއަށް ބާރު ފޯރުވަން ނަތަންޔާހޫ ކުރައްވާ މަސައްކަތުގެ ސަބަބުން، އިޒްރޭލާއި ޕަލަސްތީނާއި ދެމެދު ހެދިފައިވާ އަމާންކަމުގެ އެއްބަސްވުމަށް އަސަރު ކުރާނެ ކަމަށް ޕަލަސްތީނުގެ ރައީސް މުހައްމަދު އައްބާސްވަނީ ވިދާޅުވެފަ އެވެ. އަދި ސައުދީ އަރަބިއްޔާއިން ވެސް ވަނީ ނަތަންޔާހޫއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދީފަ އެވެ.