ރިލްވާން ރިޕޯޓް

ރިލްވާންގެ މަރާ ގުޅޭ އޮޕަރޭޝަން މިއަދު ވެސް ކުރިއަށް

މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފުލުހުން މިއަދު ވެސް ގޭގެ އާއި ތަންތަން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ކޮމިޝަންގެ ތަހުގީގުގެ ބޭނުމަށް އޮޕަރޭޝަން މިއަދު ވެސް ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު ބަލައި ފާސް ކުރަމުން ދަނީ މާލޭގެ ރަބީއީ މަގުގައި ހުންނަ މ. ލެގޫންވިއު ނަމަކަށް ކިޔާ ގެއެކެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން ރޭ ވެސް ވަނީ ބޮޑު އޮޕަރޭޝަނެއް މާލޭ ސިޓީއާއި އައްޑޫ ސިޓީގައި ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ. އެ ގޮތުން މާލޭގެ އަށް ގެއަކާއި އައްޑޫގެ ގެއެއް ބަލާ ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އެ ފާސް ކުރުމުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގެ ހުލާސާ ރިޕޯޓެއް އާންމުކޮށްފައިވާއިރު، އެ ރިޕޯޓްގައި ނަން ހާމަކޮށްފައިވާ ބައެއް މީހުންގެ އުޅޭ ގޭގެ ފުލުހުން ރޭ ބަލައި ފާސްކޮށްފައި ވެއެވެ.

ކޮމިޝަންގެ ތަހުގީގަށް ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާއިރު، މިދިޔަ ހޯމަދު ރައީސް ސޯލިހު ވިދާޅުވީ ރިލްވާންގެ މައްސަލާގާއި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެ ދުވަހުން އެ ދުވަހަށް ފެންނާނެ ކަމަށެވެ. އަދި ދީނީ ގޮތުން ހައްދުފަހަނައަޅާ މީހުންނާ ދެކޮޅަށް އަޅުއްވާ ފިޔަވަޅުތައް ވެސް ފެންނާނެ ކަމަށާއި ހައްޔަރު ކުރަން ޖެހުނު ކޮންމެ މީހަކު ހައްޔަރު ކުރާނެ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ވެސް ބައްދަލު ކުރައްވާފަ އެވެ. ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލާއި ފުލުހުން އަދި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި ރިލްވާންގެ މައްސަލާގައި ހުރިހާ މުއައްސަސާތަކުން އެއް އަޒުމެއްގައި އެެއްބާރުލުން ދިނުމާއެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވެ އެވެ.