ހަބަރު

މާދަމާގެ ޖަލްސާއަށް ފުރިހަމަ އެއްބާރުލުން އޮންނާނެ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުމަށް އެމްޑީޕީން އެދިފައިވާ ޖަލްސާ މާދާމާ ހެނދުނު ބާއްވާ ގޮތަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވާތީ އެ ޖަލްސާގައި ބައިވެރިވާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ޕީޖީ މެންބަރު މުހައްމަދު ސައީދު ވަނީ މާދަމާގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ދެ ބޭފުޅުންވެސް ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާގޮތާއި، މަޖިލީހުގެ އުފެއްދުންތެރިކަން ދަށްކަން ފާހަގަކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރަކީ ކެންޕެއިން ތެރޭގައި، މަޖިލީހުން އެއްވެސް ގާނޫނެއް ފާސްނުކުރިނަމަވެސް ސަރުކާރު ހިންގާނެކަމަށް ބުނެ ވައުދުވެފައިވާ ބައެއްކަމަށެވެ. ސައީދު ވިދާޅުވީ މިއަދު ފެންނަނީ ކޮންމެ ކަމެއް ކުރަންޖެހުން ގާނޫނެއް ނެތް ވާހަކައާ ގާނޫނީ ބާރުވެރިކަން ނެތް ވާހަކަ ދައްކަވާ މަންޒަރުކަމަށެވެ.

ސައީދު ވިދާޅުވީ ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ކުރަން އޮތީ ޕްރޮގްރެސިވް ކޯލިޝަންކަމަށާ އެހެންކަމުން ވަރުބަލިކަމެއްނެތި އެ މަސައްކަތުގައި ދެމިތިބޭނެކަމަށެވެ.

"މަޖިލީސް ސެޝަނެއް ބާއްވާނަމަ އަޅުގަނޑުމެން މިތިބީ އެކަމަށް އެއްބާރުލުންދޭން ތައްޔާރަށް. ނަމަވެސް އަޅުގަނޑުމެންގެ ހިތާމައަކީ މި ސަރުކާރު ހުއްޓިދާނެތީ" މުހައްމަދު ސައީދު ވިދާޅުވިއެވެ.

މަޖިލީސް ސެޝަނެއް ބާއްވާނަމަ އަޅުގަނޑުމެން މިތިބީ އެކަމަށް އެއްބާރުލުންދޭން ތައްޔާރަށް. ނަމަވެސް އަޅުގަނޑުމެންގެ ހިތާމައަކީ މިވަރުން ދައްޏާ ސަރުކާރު ހުއްޓިދާނެތީ.
މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެންބަރު

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވީ ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ގާނޫނުން ފަހިކޮށްދީފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ ދައުރު ދިގު ދަންމާލައިގެން އިތުުރު ފަސް ދުވަހު މަސައްކަތްކުރިއިރު، އެ މުއްދަތުގައި މުހިންމު މަސައްކަތްތައް ނިންމާނުލެވުނީ މަޖިލީހުގެ ރިޔާސަތުގެ ގާބިލްކަން ނެތުމުންކަމަށެވެ.

ޝިޔާމް ވިދާޅުވީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މުހިންމު މައްސަލައެއްކަމަށާ ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން އެކަމަށް އޮންނާނެކަމަށެވެ.

ނިމިގެންދިޔައީ ގިނަ ވަގުތު ހޭދަކޮށް އުފެއްދުންތެރިކަމެއް ނުފެނުނު ދައުރެއް

މެންބަރު ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރަކީ ކިތަންމެ ގިނަ ވަގުތެއް ހޭދަކުރި ދައުރެއްނަމަވެސް އެއީ އެއްވެސް މިންވަރެއްގެ އުފެއްދުންތެރިކަމެއް ހުރި ދައުރެއް ނޫންކަމަށެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނަމަވެސް އެ ވައުދުތައް ފުއްްދެވުމަށް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން މާބޮޑު މަސައްކަތެއް ކުރެވުނު މަންޒަރު ފެނިފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރެކޯޑް އަދަދަކަށް ޖަލްސާތައް ބާއްވާ، ކޮމެޓީތަކުގައި އެތައް ސަތޭކަ ގަޑިއިރެއް ހޭދަކުރިނަމަވެސް ނެރެވުނު ނަތީޖާއެއް ނެތްކަމަށެވެ.

"19ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި ޖަލްސާ ގިނަވިޔަސް، ހޭދަކުރެވުނު ވަގުތު ގިނަވި ނަމަވެސް ހަގީގަތުގައި އެންމެ އަންޕްރޮޑަކްޓިވްކޮށް ނޫނީ އުފެއްދުންތެރިކަން ނެތްގޮތަށް ހޭދަކުރެވުނު ދައުރަކީ މިއީ." ޝިޔާމް ވިދާޅުވިއެވެ.

19ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި ޖަލްސާ ގިނަވިޔަސް، ހޭދަކުރެވުނު ވަގުތު ގިނަވި ނަމަވެސް ހަގީގަތުގައި އެންމެ އަންޕްރޮޑަކްޓިވްކޮށް ނޫނީ އުފެއްދުންތެރިކަން ނެތްގޮތަށް ހޭދަކުރެވުނު ދައުރަކީ މިއީ.
އަހުމަދު ޝިޔާމް - ނައިފަރު ދާއިރާގެ މެންބަރު

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔައީ ފުރަތަމަ ދައުރަށް ހުށައެޅުނު ކަންކަމުގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ނިމުނު ދައުރުގައި ކުރެވުނު މަސައްކަތްތައް

  • 31 ބިލެއް ހުށައަޅާ 14 ބިލެއްގެ މަސައްކަތް ނިންމި
  • 21 ގަރާރެއް ހުށައަޅާ 9 ގަރާރެއްގެ މަސައްކަތް ނިންމި
  • ސަރުކާރުގެ ފަރާތުން ހުށައެޅި 15 މައްސަލައިގެ ތެރެއިން 12 މައްސަލަ ނިންމި
  • ރިޔާސަތުން ހުށައެޅި 22 މައްސަލައިގެ ތެރެއިން 17 މައްސަލަ ނިންމި
  • މެންބަރުން ހުށައެޅި 9 މައްސަލަ ނިންމި
  • 14 ސުވާލެއް ވަޒީރުންނާ ކުރެއްވި
  • ޖުމްލަ 161 މައްސަލައެއް ނިންމި

މަޖިލީހުގެ މެންބަރުން އެންމެ ބުރަކޮށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ކޮމެޓީ މަރުހަލާގައި ކަމަށްވާއިރު، މި ދައުރުގައި ވަނީ 466 ކޮމެޓީ ބައްދަލްވުމެއް ބާއްވާފަ އެވެ. އެ ބައްދަލްވުންތަކަށް މެންބަރުން ވަނީ 548 ގަޑިއިރާއި 23 މިނެޓް ހޭދަ ކުރައްވާފަ އެވެ.