ސައިންސް

އަނދިރި މީހުނަށް ބަޔޮނިކް ލޯ އިންދަނީ!

ލޮލުގެ ފެނުން ގެއްލިފައިވުމުގެ ސަބަބުން، އެތައް ބޭސްތަކެއް ކައި އޮޕަރޭޝަން ކޮށްގެން ލޮލުގެ ފެނުން އަނބުރާ ފެނިފައިނުވާ މީހުނަށް ހާއްސަ އާޓިފިޝަލް ވިޝަންއެއް ނުވަތަ "ބަޔޮނިކް ލޮލެއް" އެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

މިވިޝަން ތައްޔާރުކޮށް ނިމޭއިރު ފެންނާނީ ލޮލެއްގެ ސިފައިގަ އެވެ. އޭގެ ފަހަށް ސާޖަރީއެއްކޮށް އިންސާނާގެ ލޯ އުފުރާލުމަށްފަހު އާޓިފިޝަލް ލޯ ނުވަތަ ވިޝަން ހަރުކުރާނެ އެވެ. އެ ވިޝަންގައި ހުންނަ ނަރެއް ކަހަލަ ސިފައެއް ލިބިފައިވާ އެއްޗަކުން ސިކުނޑިއަށް ބޭނުންވާ މެސެޖް ފޯރުކޮށްދޭނެ އެވެ. އެކަމަކު މި ވިޝަން ބޭނުން ކުރާނީ އެއް ލޮލުގަ އެވެ. ދެ ލޮލަށް ބޭނުން ކުރެވޭކަށް ނުހުންނާނެ އެވެ.

ގިނަ ސައިންސްވެރިންތަކެއް ބައިވެރިވެ ކޮށްފައިވާ ތަހުލީލުތަކުން ދައްކާފައިވާ ގޮތުގައި ލޯ އަނދިރި ވިޔަސް ލޮލާއި ސިކުނޑި ގުޅުވައިދޭ ނާރު މަސައްކަތް ކުރެ އެވެ. އާޓިފިޝަލް ވިޝަންއަކަށް ފަހިވެގެން ދަނީ އެހެން ވެގެނެވެ. ވިޝަން ގައި އިންދާ ނަރުފަށް ގުޅައިލަނީ ސިކުނޑީގައިވާ އަނދިރި ތަންތަނުގައި ހުންނަ ތަކެތި ސާފުކޮށްދޭ ނާރު ކަމަށްވާ ފޮސްޕީންސްއާ އެވެ. މިކަން ކުރުމަކީ ނުރައްކާތެރި އޮޕަރޭޝަނެއް ނޫނެވެ.

ކޮންމެ އުމުރެއްގެ މީހަކަސް ވިޔަސް މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރެވޭނެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގެންދަނީ މި ވިޝަން އުފައްދާ ލޯ އިންދުމުގެ މަސައްކަތް ގާތުން ބަލައި އެކަމަށް ބޭނުންވާ އެއްބާރުލުން ދެމުންނެވެ.

އުފަންވުމުގައި ލޯ އަނދިރި ވެފައިވާ މީހުންނަށް މި ވިޝަން ބޭނުން ކުރެވޭނެ ގޮތެއް ނެތެވެ. މި ވިޝަން މަސައްކަތް ކުރާ ގޮތަކީ، ސާޖަރީކޮށް ލޯ އިންދުމުން ނައިޓް ވިޝަން ވީޑިއޯތަކުން މަންޒަރު ފެންނަ ފަދައިން ވިޝަން ބޭނުންކުރާ މީހާއަށް މަންޒަރު ފެންނަނީ އެވެ.

މި ވިޝަން އުފައްދާ ޓީމުން މަސައްކަތް ކުރަމުންދަނީ 360 ޕިކްސަލްގައި ވިޝަން އުފެއްދާށެވެ. ވިޝަން ލޮލުގައި އިންދާއިރު ނަރުފަށް ގެންގޮސް ފޮސްޕީންސް ނާރާ ގުޅާލުމުން، ސިކުނޑިއަށް މަންޒަރު ސިފަކޮށް ދޭނެ އެވެ.

ނައިޓް ވިޝަން ވީޑިއޯއެއް ބަލާފައި އާދައިގެ މީހާއަށް ވާނުވާ އެގޭ ގޮތަށް މި ވިޝަން ހަރުކޮށްފައި ހުންނަ މީހައަށް މަންޒަރު ސިފަވާނެ އެވެ. އެހެންކަމުން އެމީހަކަށް މި ލޮލާއެލު އާދައިގެ ދިރިއުޅުމެއް އުޅެވޭ ވަރަށް ލޮލުހާލު މަސައްކަތް ކުރާނެ އެވެ. ދުވާލު ވަގުތުގައި ވެސް މި ވިޝަން ބަރާބަރަށް މަސައްކަތް ކުރާނެ އެވެ.