ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް ގައުމީ ދިފާއީ ބާރުން އަންގާފައިވާ ކަމަށް ވިދާޅުވެ އެ މަނިކުފާނު ދެއްކެވީ "ހަޑިހުތުރު ވާހަކައެއް" ކަމަށް ޖޭޕީގެ ލީޑަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގާސިމް ފާޑު ވިދާޅުވީ ޖޭޕީއަށް މެންބަރުންތަކެއް ގުޅުނު ހަފުލާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ކުނޫޒްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މުއައްސަސާތަކާއި ގުޅޭގޮތުން ހިތުހުރިހާ ގޮތަކަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. ސަލާމަތީ ހިދުމަތްތައް ދޭ މުއައްސަސާތަކާ، ރާއްޖޭގެ ޝަރުއީ ކޯޓްތަކާއި ގުޅޭގޮތުން ހިތުހުރި ގޮތަކަށް ވާހަކަ ދައްކާ، އެ މުއައްސަސާތަކުގެ ނަން ކިލަނބު ކުރަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި އިވެނީ ބައެއް ބޭފުޅުން ވިދާޅުވާ އަޑު ފުލުހުން ފާރާލާ ކަމަށް. އެކަން އެމްއެންޑީއެފުން އަންގާފައިވާ ކަމަށް. ނަމަވެސް އެ މުއައްސަސާތަކުން އެކަން އެވަނީ ދޮގު ކޮށްފައި. އެހެންވީމަ މިފަދައިން ވާހަކަ ދެއްކުމަކީ ހަޑިހުތުރު ވާހަކަ ކަމަށް އަޅުގަނޑު ދެކެނީ،" ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް މި އިވެނީ ބައެއް ބޭފުޅުން ވިދާޅުވާ އަޑު ފުލުހުން ފާރާލާ ކަމަށް. އެކަން އެމްއެންޑީއެފުން އަންގާފައިވާ ކަމަށް... އެހެންވީމަ މިފަދައިން ވާހަކަ ދެއްކުމަކީ ހަޑިހުތުރު ވާހަކަ ކަމަށް އަޅުގަނޑު ދެކެނީގާސިމް އިބްރާހިމް | ޖޭޕީގެ ލީޑަރު
ގާސިމް ވިދާޅުވީ މުއައްސަސާތަކުގެ ވެރިންނަށް "އެއްޗެހި ކިޔުމުގެ" ބަދަލުގައި ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަންވާނީ ހަމަ އާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
ގާސިމް ވިދާޅުވީ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކާ، ޝަރުއީ ދާއިރާގެ އަގު ހިފަހައްޓަންޖެހޭކަމަށެވެ.
ސަރުކާރުގެ ދަމަހައްޓާނަން، ސްޕީޑް ވެސް ރަނގަޅު
ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ޖޭޕީން ކުރާނެ ކަމަށެވެ. އަދި އެ ޕާޓީ ސަރުކާރުގައި އޮތީ އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ "ސަރުކާރުގެ "ސުޕީޑް ރަނގަޅު" ކަމަށެވެ. އަދި ސަރުކާރުގެ ސްޕީޑް ލަސްކަމަށް ބުނެ ވާހަކަ ދައްކަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ބައްލަވާ ލައްވާ އެމްޑީޕީގެ [ކުރީގެ] ސަރުކާރުން ކަމެއް ކުރަން ފެށީ ކޮން އިރަކުތޯ؟ [ރައީސް] ޔާމީން ސަރުކާރުގެ ކަންކަން ވެސް ހުރީ އެެހެން. މިއީ އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ދެ ސަރުކާރު. އެދެ ސަރުކާރާ މި ސަރުކާރު އަޅާކިޔާލީމަ އެބަ އެނގޭ ކަންކަން ދަނީ އެންމެ ރަނގަޅަށްކަން" ގާސިމް ވިދާޅުވި އެވެ.
ރިލްވާންގެ ރިޕޯޓް އެބައޮތް، މައުލޫމާތު ހިއްސާއެއް ނުކުރާނަން
މީގެ އިތުރުން ގާސިމް މިރޭ ވިދާޅުވީ އަހްމަދު ރިލްވާންގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރި ރިޕޯޓް، މަޖިލީހުން އެމަނިކުފާނާ ހަވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސިއްރު މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓަކަށް ވާތީ އެކަން އެ ގޮތުގައި ބާއްވަވާނެ ކަމަށެވެ. -- ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހިމެނޭ މައުލޫމާތުތައް ސިއްރު ކޮށްދެއްވުމަށް ރައީސް ސޯލިހުވެސް ވަނީ އެދިވަޑައިގެންފައެވެ. --
ގާސިމް ވިދާޅުވީ އެއީ ކޮމިޝަނަކުން ކޮށްފައިވަނީ މުހިންމު މަސައްކަތެއް ކަމަށާ އެ ކޮމިޝަންގެ މަސައްކަތްތަކަށް ދެވެން އޮތް ކޮންމެ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި އިންސާފަށް ވާސިލްވުމަށް އޮތް ހުރަހަކަށް އެމަނިކުފާނު ވެވަޑައި ނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު އަތަށް ދިން ޑޮކިއުމަންޓް ހަމަ ޔަގީނުން ވެސް އެއްވެސް މީހަކަށް ނުދައްކަން... ނުވެސް ދައްކާނަން." ގާސިމް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މަޖިލީހުގެ ރައީސް ނަޝީދަށް ވަނީ ރިލްވާންގެ މައްސަލައިގެ ތަފުސީލީ ރިޕޯޓެއް އަރުވާފަ އެވެ. އަދި ރައީސް ނަޝީދު ވަނީ އެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރައްވާފަ އެވެ. އަދި ޕީޖީ ލީޑަރުންނަށް ރިޕޯޓް ހަވާލުކޮށް އެ ބޭފުޅުންނާއެކު ފޮޓޯއެއް ނަންގަވާ އާންމު ކުރައްވާފައި ވެސް ވެއެވެ.
ގާސިމް މިރޭ ވަނީ އެ ރިޕޯޓް، މަޖިލީހުގައި ހިމެނޭ ޕީޖީ މެންބަރުންނަށް ހަވާލުކުރީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވާފަ އެވެ.