ހަބަރު

އައިޝާއަކީ ކަން ކުރެއްވޭ ވަޒީރެއް: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ވަޒީރަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކަމަށް އެކަމަނާގެ ފިރިކަލުން އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް މިހެން ވިދާޅުވީ ކުނޫޒްގައި މިރޭ އޮތް މެންބަރުން ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަނގު އަނބިކަނބަލުން އައިޝަތު ނަހުލާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ގާސިމް ވިދާޅުވީ އައިޝާ ވަޒީރު ކަމަށް ވަޑައިގެންނެވީ އެކަމަނާ ކުރެއްވި މަސައްކަތާ ނެރުއްވި ނަތީޖާއިން ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރެއްވީ އެމަނިކުފާނާއި ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލަށް ލެއްވުުމުން އެ ދެބަފައިންގެ ހައްގުގައި ސިޔާސީ މައިދާނަށް ނުކުންނަވާ އައިޝާ ކުރެއްވި މަސައްކަތަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބު، އޭރުގެ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ކޮށްދިނުމަށް އައިޝާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ވަރަށް ގިނަ ރަށްރަށައް ވަޑައިގެން އާންމުންނާ ބައްދަލު ކުރައްވާ ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ. އަދި އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ވަޒީރުކަން ހޯއްދަވަން އުޅުއްވުމުން އެކަން އަޅުގަނޑު ހުއްޓުވީސް އައިޝާއަށް އެކަން ނުކުރެވޭނެނަމަ. އަޅުގަނޑު ދަންނަވާނަން އިހަށް މަޑުކޮށްލަން! ނަމަވެސް އަޅުގަނޑަށް ޔަގީން އައިޝާގެ ވިސްނުން ވަރަށް ރަނގަޅު ވާނެކަން. އިހުލާސްތެރިވާނެކަން، ތެދުވެރިވާނެކަން... އަމުދުން މީހަކަށް ލަނޑެއް ނުދޭނެ،
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ވިދާޅުވީ ރައްޔިތުން އައިޝާ ބަލައިގެންފައިވާ ކަމަށާ އެކަމަނާއަށް ރައްޔިތުންގެ ލޯބި ލިބިވަޑައިގެންނެވި ކަމަށެވެ. ވަޒީރުކަން ލިބިވަޑައިގަތީ އެކަންކަމުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުގައި އެންމެ ކަންކަން ކުރެވޭ އެއް ވަޒީރަކީ އައިޝާ ކަމަށެވެ.

"އެ ފުރުސަތު ހޯއްދަވަން [ވަޒީރުކަން ހޯއްދަވަން] އުޅުއްވުމުން އެކަން އަޅުގަނޑު ހުއްޓު ވީސް އައިޝާއަށް އެކަން ނުކުރެވޭނެ ނަމަ. އަޅުގަނޑު ދަންނަވާނަން އަދި އިހަށް މަޑުކޮށްލައްވާށޭ! ނަމަވެސް އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ އަންހެނުން [އައިޝާ] ގެ ވިސްނުން ވަރަށް ރަނގަޅުވާނެކަން. އިޚްލާސްތެރިވާނެކަން. ތެދުވެރި ވާނެކަން. އަމުދުން މީހަކަށް ލަނޑެއް ނުދޭނެ!"

ގާސިމް ވިދާޅުވީ މިނިސްޓަރު އައިޝާއަކީ އެމަނިކުފާނުގެ އަނބިކަނބަލަކަށްވާތީ ހާއްސަ ލޯތްބަކާއި ހާއްސަ ކަމެއްވެސް އޮންނާނެ ކަމަށެވެ. އަދި ބަޔަކު އެެކަމަނާއަށް އެއްޗެއް ބުނާނަމަ ވެސް އެކަމާ ކޯފާވެ ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި އަދި މިރޭ އަމިއްލަފުޅަށް އައިޝާއަށް ތައުރީފު ކުރައްވަނީ ހަގީގަތުގެ މައްޗަށް ބިނާ ކުރައްވައިގެން ކަމަށެވެ.

ޖޭޕީގައި އައިޝާ މަސައްކަތްކުރެއްވި ގޮތް ފެންނަން އެބައޮތް ކަމަށާ އެ ފުރުސަތު އައިޝާއަށް ލިބި ވަޑައިގަތީ އަނބިކަނބަލަށް ވެވަޑައިގަންނަވާތީ ނޫން ކަމަށާއި ޖޭޕީއަކީ ކޮންމެ މީހަކަށްވެސް ފުރުސަތު އޮތް ޕާޓީއަކަށްވާތީ އެ ފުރުސަތު އެކަމަނާ ވެސް ހޯއްދެވީ ކަމަށެވެ.

" ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މިއީ [ޖުމްހޫރީ ޕާޓީއަކީ] ގާސިމްގެ ޕްރޮޕަޓީއެކޭ. ތަރިކައެކޭ، މުދަލެކޭ. އެހެން ބުންޏަކަސް އެކަން އެހެނެއް ނުވާނެ." ގާސިމް ވިދާޅުވި އެވެ.