މީގެ ކުރީގެ ދެ ޖެނެރޭޝަނާ އަޅާ ބަލާއިރު މިޒަމާނުގެ ބައްޕައިން ދަރިންނާއެކު ވަގުތު ހޭދަ ކުރާ މިންވަރު ތިން ގުނަ މަތިކަަމަށް ދިރާސާއަކުން ދައްކައިފި އެވެ. ކުދިންގެ ހެދިބޮޑުވުމުގެ ބައްޕައިންގެ ދައުރާއި އަދާކުރާ ރޯލަށް މި ޒަމާނުގެ ބައްޕައިން ބޮޑު އަހައްމިއްޔަތު ކަމެއް ދެއެވެ.
ނަވާރަ ސަތާކެ އައްޑި ދެވަނަ އަހަރުގެ ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެ ޒަމާނުގެ ބައްޕައިންގެ 43 ޕަސެންޓް މީހުން ދުވަހަކުވެސް ނެޕީއެއް ބަދަލުކޮށްފައި ނުވާއިރު މިއަދު މި ހިސާބުތަކަށް ބޮޑު ބަދަލެއް އައިސްފައި ވެއެވެ.
މިގޮތުން ދުވަހަކުވެސް ނެޕީ ބަދަލު ނުކުރާ ބައްޕައިންގެ ޕަސެންޓޭޖަކީ ތިނެކެވެ. ރިސާޗް ދައްކާ ގޮތުގައި ކުދިން ތުއްތުއިރު އެ ކުދިންގެ ނެޕީ ބަދަލުކޮށް ތުއްތުކުދިން ފެންވަރުވާ ނަމަ ކުދިން ބޮޑުވުމުން ކުދިންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ވެއެވެ.
ކުރިޔާ ހިލާފަށް މި ޒަމާނުގެ ބައްޕައިން ގަބޫލު ކުރާގޮތުގައި ގޭތެރޭގެ މަސައްކަތާއި ދަރިންނަށް ތަރުބީއްޔަތު ދިނުމުގައި މަންމައެކޭ އެއްވަރެއްގެ ރޯލެއް ބައްޕައިން ވެސް އަދާކުރަން ވެއެވެ. ނަމަވެސް ބައްޕައިން ބުނާ ގޮތުގައި އަދިވެސް ގޭތެރޭގައި މަންމައިން މާ ގިނަ މަސައްކަތްކޮށް އެމީހުންގެ ދައުރު ބޮޑެވެ.
ކުދިންގެ ކަންކަމުގައި ބައްޕައިން ގޭތެރޭގައި މަސައްކަތްތަކުގައި ޝާމިލްވެ އުޅޭނަމަ ދަރިންނަށް ގިނަގުނަ ފައިދާތަކެއް ކުރެއެވެ. އަންހެން ކުދިންނަށް އެމީހުންއަކީ ދަށް ބައެއް ކަމަށް ހީވާ ހީވުން ދުރު ކޮށްދޭނެ އެވެ. އަދި ފިރިހެން ކުދިންނަށް ތަށި ދޮވުމާއި އަންނައުނު ދޮވުމަކީ ހަމައެކަނި އަންހެނުން ކުރާ ކަމެއް ނޫން ކަމުގައި އެންމެ ތުއްތުއިރުން ފެށިގެން ދަސްވެ އެއީ ދިރިއުޅުމުގެ ބައެއްކަން އެނގޭނެ އެވެ.
އެ ރިސާޗުން ބުނާގޮތުގައި ދަރިންގެ ކަންކަން ބެލުމުގެ ޒިންމާގެ 60 ޕަސެންޓް މަންމަ ހަމައެކަނި ނަގާނަމަ ދެމަފިރިންގެ ދެމެދުގައި މައްސަލަ އުފެދުމުގެ ފުރުސަތު ބޮޑު ވެއެވެ. ނަމަވެސް ގޭތެރޭގެ އެކަކު އަނެކަކަށް އެހީތެރިވެ ގުޅިގެން މަސައްކަތް ކުރާނަމަ ގުޅުން ވަރުގަދަވެއެވެ.
ބައްޕައިން ކުދިންނާއި އެކު ވަގުތު ހޭދަކުރާނަމަ ލިބޭ އަނެއް ފައިދާއަކީ ކުދިންގެ ތޫނުފިލިކަން އިތުރުވުމެވެ. ކުދިންނަށް ފޮތް ކިޔައި ދިނުމާއި އެކި އެކި ވާހަކަތަށް ކިޔައި ދިނުމަށް ވަގުތު ހޭދަކުރާނަމަ އެކުދިން ދުނިޔޭގެ ކަަންކަން ހިނގާ ގޮތާއި މެދު ލޯހުޅު ވެއެވެ. ޖެނެރަލް ނޮލެޖް އިތުރުވެ އައިކިއު މަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. މުސަތަގްބަލުގައި އެކުދިން ހަރުދަނާ މީހުންނަށް ވުމުގެ ފުރުސަތު ބޮޑުވެ އެހެން މީހުންނާއި ގުޅުންތަށް ބޭއްވުމަށް ކުދިންނަށް ދަސް ވެއެވެ.
މީގެ އިތުރުން ކުދިން ހެދި ބޮޑުވުމުގައި ބައްޕައިންގެ ދައުރު އިތުރުނަމަ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް އެ ކުދިން ވެއެވެ. ކުދިން އެމީހުންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެއެވެ.