ލައިފްސްޓައިލް

ޖަޕާނުގެ ބައެއް މީހުން ދިރިއުޅެނީ އިންޓަނެޓް ކެފޭގައި!

ޖަޕާނުގައި ދިރިއުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަގު ބޮޑުކަމުންނެވެ. އެ ގައުމުގެ ރައްޔިތުންނަށް ވެސް މި ތަކުލީފާ ވަނީ ކުރިމަތިވެފަ އެވެ. އެހެން ކަމުން ގެދޮރުނެތް އަދި އާމްދަނީ މަދުން ލިބޭ މީހުން އެ ގައުމުގެ އިންޓަނެޓް ކެފޭ ތަކުގައި ވެސް ދިރިއުޅެ އެވެ. މިފަދަ މީހުންނަށް ކިޔާ އުޅެނީ "ސައިބާ ހޯމްލެސް" އެވެ. މި މީހުން އުޅޭނެ ތަނެއް ނެތް ނަމަވެސް އެމީހުން ދިރި އުޅެނީ މަގުމަތީގައެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުން ދިރިއުޅެނީ އިންޓަނެޓް ކެފޭ ތަކުގަ އެވެ.

ޖަޕާނުގައި 1995 ވަނަ އަހަރު ފެށިގެން އިންޓަނެޓް ކެފޭތައް ހުރެ އެވެ. މި ތަންތަން 24 ގަޑިއިރު ހުޅުވާފައި ހުންނައިރު ވަރަށް ކުޑަ އަގެއް ދީގެން ބޭނުން ވަރަކަށް އިންޓަނެޓް ބޭނުން ކުރެވެ އެވެ. އަދި އެހެން މީހެއްގެ އުނދަގުލެއް ނުފޯރާ ކިތަންމެ ވަގުތެއް ވެސް އެތާގައި ހޭދަ ކުރުމުގެ ފުރުސަތު ލިބެ އެވެ. ކޮމިކް ކަހަލަ ފޮތްތައް ވެސް ކިޔާލަން ލިބެން ހުރެ އެވެ.

މިހާރަކަށް އައިސް އެ ތަންތަނުގައި ވެންޑާ މެޝިންތައް ހަރުކޮށްފައި ހުރުމާއެކު ފެން ވެރޭނެ އިންތިޒާމާއި ނޫޑްލްސް ކެއުމަށާއި ކޮފީ ފަދަ ބުއިންތައް ތައްޔާރު ކޮށްލުމަށް ހޫނު ފެން ލިބޭނެ ގޮތް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފުރަތަމަ މިތަންތަނުގެ ޚިދުމަތް ހޯދަން ފެށީ ރޭލާއި ބަސް ފަދަ ތަކެތި ނުލިބިގެން ރޭގަނޑު ގެޔަށް ނުދެވިފައި ތިބެން ޖެހޭ މީހުންނެވެ. މިފަދަ މީހުން ހޮޓަލެއްގައި ނިދުމުގެ ބަދަލުގައި އިންޓަނެޓް ކެފޭގައި ނިދާލަ އެވެ. ނަމަވެސް މިހާރު އެތަންތަނަކީ ޕާޓް ޓައިމް ވަޒީފާ ތަކާއި ރަސްމީކޮށް ވަޒީފާއެއް އަދާ ނުކޮށް ޖެހުނު މަސައްކަތެއް ކޮށްލައިގެން ދިރިއުޅޭ ނިކަމެތި މީހުން ދާއިމީކޮށް ދިރިއުޅޭ ތަންތަނެވެ.

ސައިބާ-ހޯމްލެސް ނުވަތަ ނެޓް ރެފިއުޖީސްގެ ނަން ދީފައިވާ މި މީހުންނަކީ ފައިސާ ލިބޭނެ މާގިނަ ވަސީލަތްތަކެއް ނެތް ވަރަށް ކުޑަ އާމްދަނީއެއް ލިބޭ މީހުންނެވެ. ޖަޕާން ކަހަލަ ތަރައްގީގެ އެންމެ އުހުގައިވާ ގައުމެއްގައި ވަޒީފާ ނެތް އަދި ބޯހިޔާވަހިކަމެއް ނެތް މީހުން އުޅުމަކީ ކިތަންމެ ގަބޫލު ކުރަން ދަތިވިޔަސް ހަގީގަތެކެވެ.

ޖަޕާނުގެ އާބާދީ ވަރަށް ބާރަށް އިތުރުވަމުންދާއިރު މިފަދަ މީހުން ކުރިޔަށް އޮތް ތަނުގައި އިތުރުވަމުންދާނެ ކަމަށް ބެލެވެ އެވެ. އިންޓަނެޓް ކެފޭ ރެފިއުޖިޒްގެ ގޮތުގައި 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށް ޖަޕާނު ސަރުކާރުން މިދިޔަ އަހަރު ކުރީކޮޅު ހާމަކޮށްފައި ވެއެވެ. މިއީ ދާއިމީކޮށް އެ ތަންތަނުގައި ދިރިއުޅޭ މީހުންނެވެ. ހަފުތާ ތެރޭ ގަވާއިދުން އެތަންތަނަށް ގޮސް ވަގުތު ހޭދަކުރާ މީހުން 15،000 އަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

މިތަންތަނުގައި ދިރިއުޅޭ މީހުންނަކީ ސަރުކާރުން އިނާޔަތްތައް ދޭ ވަރަށް ފަގީރު ނޫން ނަމަވެސް ވަންނާނެ ގެދޮރު ނެތް މީހުންނެވެ. ކުދިކުދި ގޮޅިތަކެއް ގޮތަށް ހަދާފައިވާ މި ކެފޭތަކުގައި ދިރިއުޅޭ މީހުން އެހެން މީހުންނާ މާ ގުޅުން ބާއްވައެއް ނޫޅެ އެވެ. ފެންވަރަން ނުކުމެ އުޅޭ ވަގުތުގަ އާއި ހޫނު ފެން ހޯދަން ނުކުންނަ ވަގުތު ތަކުގައި އެހެން މީހުންނާ ބައްދަލުވީ ނަމަވެސް މާ ބޮޑަށް އެކުވެރިކަން ބަދަހި ކުރާކަށް އެމީހުން ބޭނުމެއް ނުވެ އެވެ. ނަމަވެސް ޖެހިގެން ހުރި ގޮޅިތަކުގައި ވެސް މީހުން ދިރިއުޅޭކަން ޔަގީންވާތީ އެކަނިވެރިކަމުގެ އިހްސާސް މި މީހުންނަށް ކުރެވޭލެއް ކުޑަ އެވެ.