ބޮލުގައި ރިއްސުމަކީ ވަރަށް ވޭން ހުރި ކަމެކެވެ. ވަރަށް ގިނަ ބަޔަކަށް އަބަދު ނޫނި ދޭތެރެ ދޭތެރެއިން ބޮލުގައި ރިއްސާތީ އުޅެން ޖެހެ އެވެ. ދިރިއުޅުން ޖެހިފައިވާލެއް ބުރަވެ މާބޮޑަށް ސްޓްރެސް ވުމަކީ ވެސް ބޮލުގައި ރިހެން މެދުވެރިވާ ސަބަބެކެވެ. ބޮލުގައި ރިހެން ފެށުމުން ގިނަ ބަޔަކު އަވަހަށް ތަދުކަނޑުވާ ބޭހެއް ކައެވެ. ނަމަވެސް ބޭސް ވެސް އެކަށީގެންވާ މިންވަރަށް ވުރެ ގިނައިން ކެއުމަކީ އެކަމުން ފުރާނައަށް ވެސް ގެއްލުން ލިބިދާނެ ކަމެކެވެ.
އިންޑިއާގެ ބެންގަލޫރޫގެ 45 އަހަރު އަންހެނަކު ދަދިފަހުން ވަނީ ބޮލުގައި ރިއްސާތީ ކާން ޑޮކްޓަރު ލިޔެ ދެއްވާފައިވާ ބޭހެއް މާ ގިނައިން އެއްފަހަރާ ކެއުމުގެ ސަބަބުން އޯވަޑޯޒްވެގެން މަރުވެފަ އެވެ.
އަނޫސުޔައްމާ ކިޔާ މި އަންހެންމީހާ ބޮލުގައި ރިހޭތީ ބޭސް ކާތާ 15 ވަރަކަށް އަހަރު ވެއްޖެ ކަމަށް އޭނާގެ ފިރިމީހާ ބުންޏެވެ. އޭނާ މަރުވި ދުވަހު މާ ގަދަޔަށް ބޮލުގައި ރިއްސާތީ 15 ގުޅަ ބޭސް އެއްފަހަރާ ކާލީ އެވެ. ބޭސް ކޭތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ހޭނެތުނެވެ. ވަގުތުން އޭނާގެ ދަރިފުޅު ވަނީ ބެންގަލޫރުގެ ހޮސްޕިޓަލަށް އަނޫސުޔައްމާ ގެންގޮއްސަ އެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭނެ ގޮތެއް ނުވި އެވެ.
މި ހާދިސާ ބެންގަލޫރޫ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ އަކީ މިގޮތަށް ގިނަ އަދަދަކަށް ބޭސްކާ ގިނަ ބަޔަކަށް ލިބުނު ވަރަށް ވަރުގަދަ އިންޒާރެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގިނައިން ބޭސް ކެއުމުން އަވަހަށް ތަދު ކެނޑޭނެ ކަމަށެވެ. ނަމަވެސް ޑޮކްޓަރު ކެއުމަށް އިރުޝާދު ދެއްވާފައިވާ ވަރަށް ވުރެ ގިނައިން އެއްވެސް ބޭހެއް ކެއުމަކީ މިފަދަ ހިތާމަވެރި ހާދިސާއެއް މެދުވެރިވެދާނެ ކަމެކެވެ. އަދި އެއްފަހަރާ ގިނަ އަދަދަކަށް ބޭސް ކެއުމަކުން ރިހުން ކުއްލިއަކަށް ކެނޑީގެންނެއް ނުދާނެ އެވެ.