ހަބަރު

ތައުލީމު ފުރުސަތުގެ ދޫކޮށްލާ ދަރިވަރުންނަށް ފިޔަވަޅު އަޅަނީ

މަތީ ތައުލީމާއި ތަމްރީނު ހާސިލު ކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާ މެދު އަމަލު ކުރާނެ އުސޫލެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވައިލާ އާންމު ކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އެ އުސޫލަކީ އެ މިނިސްޓްރީން އިއުލާ ނުކުރާ މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރު އެޅުމާއި، އެފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފި ދިއުމުން، ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް، ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދޭން ހެދި އުސޫލެއް ކަމަށެވެ.

ހަޔާ އެޑިއުކޭޝަނުން އާންމުކޮށްފައިވާ އުސޫލުގައި އެފަދަ ދަރިވަރުންނާމެދު ފިޔަވަޅު އަޅާނެ ގޮތާއި، ފިޔަވަޅު އަޅާނެ މުއްދަތުވެސް ހިމަނާފައި ވެއެވެ.

ފުރުސަތުތައް ބޭނުން ނުހިފާ ދަރިވަރުންނަށް ފިޔަވަޅު އެޅުން

  • މަތީތައުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުންގެ ތެރެއިން އެފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާ ދަރިވަރުންނާ މެދު ފިޔަވަޅު އެޅޭނެ
  • ފުރުސަތުތަކުން ވަކި މުއްދަތަކަށް މަހުރޫމުކުރުމާއި ފައިސާ ދައްކަން އެންގޭނެ
  • ލިބޭ ފުރުސަތުގައި އެއްވެސް ހަރަދެއް ސަރުކާރުގެ އަދި ބައިލެޓްރަލް އެހީގައި ކޮށްފައިވާނަމަ، އެ ޚަރަދެއް އަނބުރާ ހޯދުން

އެފަދަ ދަރިވަރުންނަށް އަޅާނެ ފިޔަވަޅު

  • ފޯޖްކޮށްފައިވާ ޑޮކިއުމަންޓް ހުށަހަޅާފައިވާކަން ނުވަތަ މަކަރާއި ހީލަތް ހަދާފައިވާކަން ސާބިތުވުން ނުވަތަ ނާޖާއިޒުފައިދާއެއް ލިބޭ ފަދަ ގޮތަކަށް ސައްހަ ނޫން މައުލޫމާތު ހިމަނައިގެން އެޕްލިކޭޝަން ހުށަހަޅާފައިވާނަމަ 60 މަސްދުވަހަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ
  • ކިޔަވައި ނިމުމަށްފަހު، އިގުރާރުގައިވާ ގޮތަށް ޚިދުމަތް ކުރުމަށް ރާއްޖެއަށް ނާންނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ
  • ސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައި ވަނިކޮށް އުޒުރަކާއިނުލާ ފުރުސަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުސޫލާއި އެއްގޮތަށް އަމަލު ކުރަމުން ނުދާނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ
  • މަތީތައުލީމުގެ ފުރުސަތަކަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެދަރިވަރަކަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނުފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން ގެއްލިއްޖެނަމަ 3 މަސްދުވަހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތަށް ފިޔަވަޅު އަޅާ، ފައިސާ ދައްކަން އެންގޭނެ.
  • ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިވަނިކޮށް މަޤްބޫލު އުޒުރަކާއިއެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލާނަމަ ޕެނަލްޓީއެއް ނުހިމެނޭ

މިނިސްޓްރީން ބުނީ ދަރިވަރަށް ދިމާވެފައިވާ ހާލަތަކީ މަގުބޫލު އުޒުރެއް މެދުވެރި ވެގެން ދިމާވި ހާލަތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އުޒުރު ސާބިތުކޮށް ދިނުމަށް ހުށަހަޅާ ކަމާ ގުޅޭ ލިޔުންތަކަށް ބިނާކޮށެވެ.

މަތީތައުލީމާއި ތަމްރީނު ހާސިލު ކުރުމަށް ލިބޭ ފުރުސަތުތައް ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާމެދު މީގެ ކުރިން ވެސް ސަރުކާރުތަކުން ފިޔަވަޅު އަޅަ އެވެ.