ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިޒްރޭލާ ދެކޮޅަށް އިސްލާމީ ގައުމުތައް ތެދުވަންޖެހޭ: އިސް މުޝީރު

އިޒްރޭލުގައި އަންނަ އަންގާރަ ދުވަހު ބާއްވާ އާންމު އިންތިހާބު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިސްބަތްވާ ޕާޓީން ކާމިޔާބު ކޮށްފިނަމަ، ޖޯޑަން ވެލީގެ ބިމަކީ އިޒްރޭލުގެ ބަޔަކަށް ހަދާނެ ކަމަށް ވިދާޅުވެ އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކާއި ދެކޮޅަށް އިސްލާމީ ގައުމުތައް ތެދުވަންޖެހޭ ކަމަށް އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ އިޒްރޭލުގެ ބަޔަކަށް ހަދަން އުޅޭ ޖޯޑަން ވެލޭއަކީ 65،000 ވުރެ ގިނަ ޕަލަސްތީނު ރައްޔިތުން، އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އުޅެމުންދާ ހިސާބެކެވެ. މި ސަރަހައްދަށް ބާރު ފޯރުވާ ވާހަކަ ނަތަންޔާހޫ ދެއްކެވެމުން، މެދު އިރުމަތީގެ ގިނަ ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދާ އިޒްރޭލު ގެންގުޅޭ ވެރިވެގަތުގެ ސިޔާސަތު ދޫކޮށްލަން ގޮވާލާފަ އެވެ.

އޯއައިސީގެ ފިކުރީ ގޮފީގެ ވެރިޔާގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ބިން ފޭރިގަނެ، އަގްސޯ މިސްކިތް ހިސޯރުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް، އިންތިޚާބު ކާމިޔާބުވެއްޖެނަމަ އިތުރު ބިންތައް ފޭރި ގަންނާނެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ވިދާޅުވުން އިސްލާމީ ގައުމުތަކުން އެކަން ހަރުކަށިކޮށް ކުށްވެރި ކުރަންޖެހޭ ކަމަށެވެ.

އަދި އިޒްރޭލްގެ އެ އަމަލުތަކާ ދެކޮޅަށް އިސްލާމީ ގައުމުތައް ތެދަން އިސް މުޝީރު ވަނީ ގޮވާލައްވާފަ އެވެ.

އިޒްރޭލުގައި އަންނަ އަންގާރަ ދުވަހު ބާއްވާ އާންމު އިންތިހާބު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ކާމިޔާބު ކޮށްފިނަމަ، ޖޯޑަން ވެލީގެ ބިމަކީ އިޒްރޭލުގެ ބިމުގެ ބަޔަކަށް ހަދާނެ ކަމަށް ދެއްކެވި ވާހަކަ ކުށްވެރިކޮށް ދިވެހި ސަރުކާރުން ވެސް ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

"ފަލަސްތީނުގެ ބިން ފޭރި، އަގްސޯ މިސްކިތް ހިސޯރުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް، އިންތިޚާބު ކާމިޔާބުވެއްޖެނަމަ އިތުރު ބިންތައް ފޭރިގަންނާނެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ވިދާޅުވަމުން ދާތީ އިސްލާމީ ގައުމުތަކުން އެކަން ކުށްވެރިކޮށް، އިޒްރޭލްގެ އަމަލުތަކާ ދެކޮޅަށް ތެދުވަންޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

ފަލަސްތީނުގެ ބިން ފޭރި، އަގްސޯ މިސްކިތް ހިސޯރުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް... އިންތިހާބު ކާމިޔާބުވެއްޖެނަމަ އިތުރު ބިންތައް ފޭރިގަންނާނެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ވިދާޅުވުމުން އެކަން އިސްލާމީ ގައުމުތަކުން ކުށްވެރިކޮށް، އިޒްރޭލްގެ އަމަލުތަކާ ދެކޮޅަށް ތެދުވަންޖެހޭ،
މުހައްމަދު ޝަހީމް އަލީ ސައީދު | އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރު

އެ މައްސަލާގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ބައިނަލްއަގްވާމީ އިގްސޯދީ ސަރަހައްދުތަކުގެ ތެރެއިން ފަލަސްތީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބިމެއް ގަދަ ބާރުން އެހެން ދައުލަތަކުން ނުވަތަ ގައުމަކުން ނެގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ކަމަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އިއުލާން ކުރެއްވި ވައުދުގެ ސަބަބުން މެދު އިރުމަތީގެ ސުލްހައަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެ، އެ ކަމުގެ ސަބަބުން ދައުލަތްތަކުގެ މެދުގައި އެއްބަސްވެފައިވާ ބައިނަލްއަގްވާާމީ ހަމަތައް މުޅިން ނެތިކޮށްލާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ބައިނަލްއަގްވާމީ މުޖުތަމައުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން، ވަކިން ހާއްސަކޮށް އދ. ގެ ސަލާމަތީ ޖަމާއަތްތަކުން މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށާއި އަޅަން ޖެހޭ ފިޔަޅުތައް އެޅުމަށް މިހާރުން މިހާރަށް އަމަލު ކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ގޮތުގެ މަތިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. 1967 ވަނަ އަހަރު ކަނޑައެޅި ބޯޑަރުގައިވާ ގޮތުގެ މަތިން ފަލަސްތީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަކީ އެ ދައުލަތުގެ ދަށުގައިވާ ބިމެއް ކަމަށާއި ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް އެ ބަޔާނުގައި ބުުނެފައިވެ އެވެ.