ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާހީ ބަދަލު ގެނެވޭނީ ދަރިންނަށް ރަނގަޅު ތައުލީމު ދީގެން: ރައީސް

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސް ކަމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން ރައްޔިތުންގެ ކިބައިގައި އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރ. އަލިފުށީ ސްކޫލްގެ ރަން ޔޫބިލް މުނާސަބާ ފާހަގަ ކުރަން ރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވާ ކަމަކީ، އިގްތިސޯދީ ފުދުންތެރިކަން ލިބުން ކަމަށެވެ. އަދި ދުވަހުން ދުވަހަށް މުޖްތަމައުގެ ހާލަތު ރަނގަޅު ކުރާނެ ގޮތުގެ ވިސްނުން ރައްޔިތުންގެ ކިބައިގައި އުފެދިގެން އަންނަނީ އެބައެއްގެ އިލްމީ ގާބިލްކަން އިތުރުވި މިންވަރަކުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވޭނީ، ދަރިންނަށް ރަނގަޅު ތައުލީމް ދީގެންކަން ފާހަގަކުރައްވާ ވިދާޅުވީ އެކަން ކުރެވޭނީ ތައުލީމުގެ ތެރެއިން އަދުލު އިންސާފަށާއި ހައްގަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކޮށް ރީތި އަހްލާގުގެ މަތީ ދަރިން ތަރުބިއްޔަތު ކޮށްގެން ކަމަށެވެ.

އެ ޖަލްސާގައި ރައީސް ވަނީ އަލިފުށްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެން ވެސް ތައުލީމީ ބިންގާ އެޅުނުކަން ފާހަގަ ކުރައްވާފަ އެވެ. އަދި އަލިފުށީގައި އިލުމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތްތަކުގެ ތާރީހަށް އަލިއަޅުވާލައްވާފަ އެވެ. އަދި އަލިފުށި ސްކޫލު ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ ރައްޔިތުންކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަޚުރެއްގެ ހައްގުވެރިންނަކީ، އަލިފުށީގެ ރައްޔިތުން ކަމަށެވެ.

ތައުލީމީ ކަންކަމުގެ އިތުރުން އަލިފުށީ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއް ކަމަށް ވިދާޅުވެ އެ ދާއިރާއިން އަލިފުށީ ރައްޔިތުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަ ވެސް ރައީސް ވިދާޅުވެ ދެއްވި އެވެ. އެގޮތުން އެރަށުގެ އަލީ ހަސަން، ފަރުމާކޮށް ބަނދެދީފައިވާ ދޯނިފަހަރު އެހެން ގައުމުތަކުގައި ދުއްވަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި އޭނާ މިހާރު ވަނީ، ބައިނަލްއަގްވާމީ ހޮޓެލް ޗެއިނެއްގެ ލޮޖިސްޓިކް ކުންފުންޏަކަށް، ޑައިވިން އާއި އެކްސްކާޝަންގައި ބޭނުން ކުރުމަށް، ތަފާތު ސައިޒްތަކުގެ ފަސް ދޯންޏެއް ބަނދެދީފައި ކަމަށާ މިހާރުވެސް ޒެންޒިބާރުގައި ބޭނުން ކުރުމަށް، އިތުރު ތިން ދޯންޏެއް ބަނުމުގެ މަސައްކަތް އޭނާ ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއީ ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަޚުރެއް. އަދި ނޫ އިގްތިސޯދުގެ ނަފާ، އެތައް ގުނައެއް އިތުރުވެގެން ދިޔުމުގެ އަލިގަދަ ހެއްކެއް. މިކަންކަމުގައި އަލިފުށީ ވަޑިންގެ ހިއްސާ ވަރަށް ބޮޑު ކަމުގައި އަޅުގަނޑު ދެކެން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ތައުލީމީ ނިޒާމުގެ ތެރޭގައި، އަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރި ކުރުމަށް، އިސްކަން ދެނީ މިފަދަ ސަބަބުތަކަށްޓަކައިކަން ފާހަގަ ކުރެއްވިއެވެ. އަދި ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ގައުމުގެ ތަރައްގީގައި ބައިވެރިވުމުގެ ގާބިލްކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެންކަމަށާއި މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ ވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖްތަމަޢުތަކުގެ މީހުންނަށް ކަމަށް ރައީސް ވިދާޅު ވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ވަނީ މާލެ ވަޑައިގެންފަ އެވެ. ރައީސް ވަޑައިގެންފައިވަނީ އެ އަތޮޅުގެ މީދޫއާ އަލިފުއްޓަށެވެ.