ކުޅިވަރު

އިނާމާ ގުޅޭ ބަހުސަށް މިނިސްޓަރުގެ ރައްދުދީފި

ކުޅިވަރުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް ކަނޑައަޅާ ފައިސާގެ އިނާމާ ގުޅޭ ގޮތުން ބަހުސް ކުރުމަކީ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވިއްޖެ ކަމުގެ ހެއްކެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ޕޮއިންޓެއް ހޯދި ނަމަވެސް ގައުމީ ޓީމުގެ ކޮންމެ މެންބަރަކަށް 100،000 ރުފިޔާ ދޭނެ ކަމަށް ވިދާޅުވުމުން އެކަމަށް އާންމުންގެ ތެރެއިން ބައެއް މީހުން ފާޑުކިޔާފައި ވަނިކޮށެވެ. ޗައިނާ މެޗުން ރާއްޖެ ބަލިވުމުން ސޯޝަލް މީޑިއާގައި އާންމުން ވަނީ ޗައިނާގެ ގައުމީ ޓީމުން، ރާއްޖޭގެ ބަޖެޓުން މިލިއަން ރުފިޔާ ސަލާމަތްކޮށްދީފައިވާ ކަމަށް ބުނެފަ އެވެ.

އާންމުންގެ އެ ވާހަކަތަކާއި ގުޅިގެން މަހުލޫފު ވިދާޅުވީ ހުރިހާ ޚިޔާލުތަކެއް އަދި ފާޑުކިޔުންތަކެއް ވެސް ބަލައިގަންނަ ކަމަށެވެ. އަދި ކުޅިވަރުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް ކަނޑައަޅާ ފައިސާގެ އިނާމާ ގުޅޭ ގޮތުން ބަހުސް ކުރުމަކީ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވިއްޖެ ކަމުގެ ހެއްކެއް ކަމަށެވެ.

ކުޅިވަރުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް، ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަކީ ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ. މީގެ ކުރިން ބައެއް ކުޅިވަރު މުބާރާތްތަކުން ފަޚުރުވެރި ކާމިޔާބީ ހޯދުމުން ދިވެހި ޓީމުތަކަށް ވެސް ފައިސާގެ އިނާމު ދީފައި ވެއެވެ.

ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން، ޓީޓީގެ ޒުވާން ތަރި ފާތިމަތު ދީމާ އަލީއަށް ބައި މިލިއަން ރުފިޔާ ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.