ރާއްޖޭގައި ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް، އަވަސް ހައްލެއް ބޭނުންވާ ކަމަށާ ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިދިއަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިމްތިހާނުތަކުގައި ދަރިވަރުން ހޯދާ މަތީ ވަނަތަކުން ރަމްޒުކޮށްދޭ އެއް ކަމަކީ، އެކުދިންނަށް ކިޔަވައިދޭ އެދުރުންގެ އިލްމީ ފެންވަރާއި ބުރަ މަސައްކަތްކަމަށެވެ. ފެންވަރު ރަނގަޅު ތައުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު ޓީޗަރުންކަމަށާ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައި އޮތް ކަމެއްކަމަށެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭން ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް، އަވަސް ހައްލެއް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ފުރިހަމަކޮށް، ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނަން. އެ ބަދަލުތައް އައުމުން، ދަރިވަރުން ހޯދާ ކާމިޔާބީ އެތައް ގުނައެއް އިތުރުވާނެ.. ބައިނަލްއަގްވާމީ ފެންވަރުގައި ދިވެހި ދަރިވަރުން ހޯދާ ނަތީޖާވެސް ވަރަށް ބޮޑަށް މަތިވެގެންދާނެ... އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ..." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށްކަމަށާ ވަކި މަރުހަލާއެއް ތަފާތުނުކޮށް، ތައުލީމުގެ ހުރިހާ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަނީ، އުފެއްދުންތެރި ފަރުދުންތަކެއްގެ މުހިންމުކަން ބޮޑުކަމުންކަމަށެވެ.
"މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން. ވަކިން ޚާއްސަކޮށް، މި ދާއިރާއިން މީހުން ބިނާކުރުމަށް، ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަން އެބަޖެހޭ. އުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން ރާއްޖޭގައި ތިބެގެން، ނުހޯދޭ ކިތަންމެ އިލްމެއް، ރާއްޖޭގައި ތިބެގެން ހޯދުމުގެ ފުރުސަތު މިހާރު ތަނަވަސްވެފައިވާކަމަށެވެ.
ދަރިވަރުންނާއި ބެލެނިވެރިންނަށް އަގުހުރި ނަސޭހަތްތަކެއް
ރައީސް މިރޭ ވިދާޅުވީ ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިޚްތިޔާރު ކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށާ އެކަމުގައި ހަމައެކަނި ބަލަންވީ މަންމަ ނުވަތަ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ނޫންކަމަށެވެ.
"ބަލަންވީ، ތިމާގެ ދަރިފުޅު ކުރާ އުންމީދުތަކަކީ ކޮބައިތޯ.. އެދަރިފުޅުގެ ގާބިލުކަން ކުރީ ކޮން ދާއިރާއަކުން ކޮން ކަމަކަށްތޯ..." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބެލެނިވެރިންގެ ދައުރަކަށް ވާންވީ، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދިނުންކަމަށެވެ. އަދި ދަރިވަރުންނަށް ހިތްވަރުދީ، މަގުފަހިކޮށްދިނުންކަމަށެވެ.
"އޭރުން އެ ކުދިންގެ ފަރާތުން އާއިލާއަށާއި ގައުމަށް ލިބޭ ފައިދާ މާ ބޮޑުވާނެ.. އެ ކުދިންގެ ކުރިމަގުވެސް މާ އުޖާލާވާނެ..." ރައީސް ވިދާޅުވިއެވެ.
ދަރިވަރުންނާ މުޚާތަބުކުރައްވާ ރައީސް ވިދާޅުވީ ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ މައިންބަފައިންނާއި ބެލެނިވެރިންގެ ހެޔޮ ނަސޭހަތް ގަބޫލުކޮށް، އިސްލާމީ ރިވެތި އަދަބު އަހުލާގުގައި ސާބިތުވެ ތިބުންކަމަށެވެ. ކޮންމެ ކަމެއްގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމާ އަނެކުންނަށް އިހްތިރާމް ކުރުމާއެކު، އެންމެންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުންkަމަށް ރައީސް ވިދާޅުވިއެވެ.
"އަބަދުވެސް ތިޔަ ކުދިންގެ އަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުން.. އިލްމު ހޯދުމަށް ނުވަތަ ދިރިއުޅުމެއް ފެށްޓުމަށްޓަކައި ދުނިޔޭގެ ހަތަރު ބިތަށް ދަތުރުކުރިޔަސް، ތިޔައީ ދިވެހި ފަސްގަނޑުގެ އުފަން ދިވެހި ދަރިންކަން، ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލިޔަދީގެން ނުވާނެ..." ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން ރައީސް ވިދާޅުވިއެވެ.
އަބަދުވެސް ތިޔަ ކުދިންގެ އަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުން. އިލްމު ހޯދުމަށް ނުވަތަ ދިރިއުޅުމެއް ފެށްޓުމަށްޓަކައި ދުނިޔޭގެ ހަތަރު ބިތަށް ދަތުރުކުރިޔަސް، ތިޔައީ ދިވެހި ފަސްގަނޑުގެ އުފަން ދިވެހި ދަރިންކަން، ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލިޔަދީގެން ނުވާނެއިބްރާހިމް މުހައްމަދު ސޯލިހް - ރައީސުލްޖުމްހޫރިއްޔާ
މިދިޔަ އަހަރުގެ ތެރޭގައި 6600 ދަރިވަރުން ސާނަވީ ތައުލީމު ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުތަކުން، ގަދަ 10 ވަނައިގައި 407 ދަރިވަރުން ވަނީ ހިމެނިފައެވެ.
މިހާރު ކުރިއަށްދާ މި ޖަލްސާގައި މިދިޔަ އަހަރުގެ ކޭމްބްރިޖް އިމްތިޙާނުން ހައި އެޗީވްމެންޓް ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރާނެއެވެ.