ހަބަރު

އަންނަ އަހަރު އިންތިހާބު އޮންނާނެ: ލަތީފު

އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ދަވާލައިފި" މިނަމުގައި މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވީ ރައީސް ސޯލިހަށް ސަރުކާރު ނުހިންގޭ ކަމަށެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ކުރީގެ މެންބަރު ލަތީފު މިރޭ ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ލަތީފު ވިދާޅުވީ ރައީސް ސޯލިހަކީ "ބޮޑު ބޭވަފާތެރިއެއް" ކަމަށާ ރައްޔިތުންނަށް ވެސް މުޅިން އޮޅުވާ ލެއްވީ ކަމަށެވެ.

"ހަމައެކަނި އަޅުގަނޑުމެންނަކަށް އެކަންޏެއް ނޫން އިނގޭތޯ ލަނޑުދެއްވީއެއް. ހުރިހާ ރައްޔިތުންނަށް ވެސް ރައީސް ސޯލިހް އޮޅުވާލެއްވީ، ލަނޑުދެއްވީ." ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާ މި ސަރުކާރު ވަރަށް އަވަހަށް ބަދަލުވާނެ ކަމަށެވެ.

"ތިޔަ ބޭފުޅުން ތައްޔާރުތޯ ވޯޓްލާން. ހަމަ ޔަގީން އަންނަ އަހަރު އިންތިހާބު އޮންނާނެ. މި ރައީސަކަށް މިކަމެއް ނުވާނެ." ކުރީގެ މެންބަރު ލަތީފު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާ ލަތީފު ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރަކީ އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެއަށް ލިބުނު ފަސް އަހަރު ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެސް ލަތީފު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.